17 Jul 2017, 14:17
އައްޑޫ ސިޓީ ހިތަދޫގައި ރޭ ދަންވަރު ތިން ކާރެއްގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ޖަހައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކާރުތަކުގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 28 އަހަރާއި 35 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ. އަދި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހްގީގް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
ތިން ގެއެއްގައި އޮތް ތިން ކާރުގައި ރޭ ރޯކޮށްލާފައިވަނީ 12:11 އެހާކަންހާއިރުއެވެ. ފުލުހުން ބުނީ ރޯކޮށްލާފައި ވަނީ ތިން ކާރުގެ ވެސް އިންޖީނުގައި ކަމަށާއި އަލިފާންގަނޑު ފެތުރުމުގެ ކުރިން ފުލުހުންނާއި އާންމުން ގުޅިގެން އަލިފާން ގަނޑު ނިއްވާލާފައިވާ ކަމަށެވެ.
ކާރުގައި ރޯކުރުން އައްޑޫގައި އިތުރުވެފައިވާ އިރު، މިދިޔަ ހަފްތާ ތެރޭގައި އައްޑޫގައި ވަނީ ދެ ކާރެއްގައި ރޯކޮށްލައިފަ އެވެ.