17 Jul 2017, 12:02
ދެކުނު ކޮރެއާ އިން އުތުރު ކޮރެއާއާ އެކު އަސްކަރީ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފުރުޞަތު ހުޅުވާލައިފި އެވެ.
މިއީ ދާދިފަހުން ޕްޔޮންގްޔޭންގްގައި ކުރިޔަށް ދިޔަ ދުރު ރާސްތާ މިސައިލުތައް ޓެސްޓުކުރުން ކުރިޔަށްގެންދިޔުމުގެ ސަބަބުން ދެގައުމުގެ ގުޅުމަށް ކޮންމެސްވަރެއްގެ ނުތަނަވަސްކަމެއް އައިސްފައިވާ ދުވަސްވަރެއްގައި ދެކުނު ކޮރެއާއިން 'އަލިފާން ނިވާލުމަށް' ބޭނުން ކުރި އުކުޅެއް ކަމަށް ބޭރު ދުނިޔޭގެ މަޝްރަހު ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނެ އެވެ.
ދެކުނު ކޮރެއާއިން ގޮވާލި މިގޮވާލުމަށް އުތުރު ކޮރެއާއިން އިޖާބަ ދީފިކަމަށްވާ ނަމަ 2015ގެ ފަހުން މިދެގައުމުން މިފަދަ ގޮތަކަށް މަޝްވަރާގެ މޭޒަށް ހާޒިރުވާނެ މިއީ ފުރަތަމަ ފަހަރެވެ.
މިމަޝްވަރާ ބައްދަލުވުމާ ބެހޭ ގޮތުން ދެކުނު ކޮރެއާ އިން ވާހަކަ ދެއްކި އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގެ ބޭނުމަކީ ދެގައުމުގެ ބޯޑަރު ސަރަހައްދުގައި ބަދަލުކުރެވޭ ހަމަލާތައް ނިމުމަކަށް ގެނެސް އަދި ދެގައުމުގެ ދެމެދުގައި އޮތް ސިޔާސީ އަދި އަސްކަރީ ނުތަނަވަސްކަން ކުޑަކުރުމެވެ.

އުތުރު ކޮރެއާ އިން ދާދިފަހުން ޓެސްޓުކުރި ދުރު ރާސްތާ މިސައިލެއް --- ފޮޓޯ: ރޮއިޓާސް
ދެ ގައުމުގެ އަސްކަރީ ވާހަކަތަކުގެ މަޝްވަރާއަށް ދެކުނު ކޮރެއާ އިން ގޮވާލައިފާވާ އިރު އެގައުމުގެ ރައީސް މޫން ޖައެ-އިން ވަނީ ދެގައުމުގެ ދެމެދުގައި ސުލްހައިގެ ވާހަކަތައް ދައްކަން ތައްޔާރަށްކަން އޮތީ ކުރިންސުރެން ވެސް އިއުލާނުކޮށްފަ އެވެ.
އެމަނިކުފާނު މި އަހަރު ޖަރުމަނުވިލާތުގެ ބާލިންއަށް ކުރެއްވި ދަތުރުފުޅުގައި ވާހަކަ ދައްކަމުން ވިދާޅުވި ގޮތުގައި ދެ ކޮރެއާގެ ދެމެދުގައި ސުލްހައިގެ ވާހަކަތައް ދެއްކުން ވަރަށް މުހިންމު ކަމަށާއި އަދި މިއީ އުތުރުު ކޮރެއާއިން ކުރަމުން ގެންދާ ނިއުކްލިއާ ހަތިޔާރުގެ ޓެސްޓުތައް ހުއްޓުމަކަށް ގެނައުމަށް ބޭނުންވާ ފަރާތްތަކަށް ވެސް މިއީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށް ވާނޭ ކަމަށެވެ.