17 Jul 2017, 10:18
އަދުގެ ޒުވާނުންނަކީ އެމީހުންގެ ހަޔާތުގެ ބައިވެރިޔެއް އިހްތިޔާރުކުރުމުގެ ކުރިން އެތައް ހަރުފަތްތަކެއް ކަޑައްތު ކުރާ ބައެކެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ހިމެނޭ އެއް ކަމަކީ ޑޭޓްތަކަށް ދިއުމެވެ.
އަލަށް ފޭސްބުކުން ނުވަތަ އިންސްޓަގްރާމް އަދި ސްނެޕްޗެޓް ފަދަ ތަކެތިން ދިމާވާ ދެމީހުން ވާހަކަދެކެވި ގާތްކަމެއް އުފެދިއްޖެ ހިނދެއްގައި ދެންއަންނަނީ އެއްކަލަ ޑޭޓް ކުރުމުގެ މަރުހަލާ އެވެ. މިފަދަ ދުވަސްތަކުގައި އަންހެންވެރިން ވަރަށް ވެސް ރީތިވެ ފުރިހަމަވެގެން ފިރިހެން ކުއްޖާ ބަލައި އަންނަދެން ގޭކައިރީގައި މަޑުކުރެ އެވެ.
ދުރުން ފެންނައިރު ވެސް އެވެރިން ވަރަށް ހިތްގައިމެވެ. އެހެންވީއިރު ފިރިހެންވެރިން ދެންމެ ދިގު ދަތުރެއް ކޮށް ނިންމާލާފައި އައިހެން ހުރެ އެވެރިން ބަލައިދިޔުމަކީ އެވެރިންނާ ދޭތެރޭ ވެސް ކުރެވޭ ބޮޑު ބޭއިންސާފެކެވެ.
އެހެންކަމުން މިފަހަރު މިބަލާލަނީ ޑޭޓަކަށް ދިޔުމުގެ ކުރިން ފިރިހެންވެރިން ވިސްނަންވީ އަދި ކުރަންވީ ބައެއް ކަންތައްތަކުގެ މައްޗަށެވެ.
1. ބޮލުގެ އިސްތަށިގަނޑު ރީތިކޮށް ބެހެއްޓުން
މީދާކޭ އުނބެއްގެ ނަރަވާތަކެއްހެން ތިމާގެ ބޮލުގެ އިސްތަށިގަނޑު ހުރުމުން ފަހަރުގައި އަދުގެ ޓީނޭޖް އަންހެންކުދިން ފަހަރުގައި ހިތްކިޔާފާނެ އެވެ. ނަމަވެސް ގިނަފަހަރު އެވެރިންނަށް ވެސް ކަމުދަނީ އިސްތަށިގަނޑު ރީތިކޮށް ބަހައްޓާފައި ހުންނަ ފިރިހެނުންނެވެ. ތިމާގެ އިސްތަށުގަނޑު ދިގުކޮށް ހުއްޓަސް، ކަނދުރާއާ ހިސާބުން އަދި ކަންފަތް ކައިރިން ރީތިކޮށް ޓްރިމްކުރުމަކީ އިސްތަށިގަނޑު ރީތިކަމަށް ދަށްކުވައިދޭނެ ކަމެކެވެ.
2. ޑެންޑްރަފް އަށް ސަމާލުވޭ
ތިމާ އަންހެންކުއްޖާ ގޮވައިގެން ސައިކަލުގައި ދާއިރު ނުވަތަ ޑޭޓަށް ރެސްޓޯރެންޓަކަށް އަރައި އިންނަ އިރު ތިމާގެ ގަމީސް ނުވަތަ ޓީޝާޓުގެ ކޮނޑުގައި ހުދުކުލައިގެ ފުށްފުށް (ޑެންޑްރަފް) ހުންނަތަން ފެނުމަކީ އެވެރިން އެހާ ގަޔާވާނޭ މަންޒަރެއް ނޫނެވެ. ތިމާގެ ބޮލުގެ އިސްތަށިގަނޑަށް ސަމާލުނުވެވޭ އިރު އެވެރިންގެ ހިތަށް ސަމާލުކަން ދެނީ ކިހިނެތް ހެއްޔެވެ.
3. މާގިނައިން ޖެލް ބޭނުން ނުކުރޭ
ތިމާގެ އިސްތަށިގަނޑަށް ބަލާލުމުން ދާދި ދެންމެ ކަރަންޓުގައި ޖެހިގެން އައިމީހެންހެން ހީވުމުން އެއީ ފަހަރުގައި އަންހެންވެރިންނަށް ތިމާ އެހާ ކަމުނުގޮސްފާނެ އެވެ. މީގެ އިތުރުން މިއީ ތިމާގެ އިސްތަށިގަނޑު ބަލިކަށިވުމަށް ވަރަށްބޮޑަށް މަގުފަހިވެސް ވާ ކަމެކެވެ.
4. މޫނުގައި 'ފޭޝަލް ކްރީމް' ނުވަތަ ޖެލް ބޭނުންކުރުން
ފިރިހެނުންނަކީ އާންމުގޮތެއްގައި ގަދަހޫނުގަޔާއި ރަތްއަވީގައި ގިނަވަގުތު ހޭދަކުރާ ބައެކެވެ. އަދި މީގެއިތުރުން ހިރަފުސް ގިނަަ މާހައުލުތަކުގައި ވެސް ގިނަވަގުތު ހޭދަކުރާ ބައެކެވެ. މިހެންވުމުގެ ސަބަބުން މޫނުމަތި ކަޅުވެ އޮށާޅާއިގެ އަސަރު ވެސް ކުރެ އެވެ. މޫނުމަތީގައި ހުންނަ ހިރަފުހުގެ އަދި ތަފާތުު ބިހިތަކުގެ އަސަރުތައް ފިލުވާލުމަށް ސްކަރބިންގް ކްރީމް ފަދަ ތަކެތި ބޭނުންކުރުން މުހިންމެވެ. އަދި މިއީ ހުސްއެކަނި އަންހެންވެރިން ކުރަން ޖެހޭ ކަމެއް ނޫނެވެ.
5. މޫނުގެ ތެޔޮކަން ނައްތާލުން
ތިމާގެ މޫނުމަތީގެ ނިތްކުރި، ނޭފަތް އަދި ތުންފަތުގެ މަތީބަޔަށް ދީފައިވާ ނަމަކީ ޓީ-ޒޯން އެވެ. މިއީ ތިމާގެ މޫނުމަތިން ތެޔޮކަން އެންމެ ގަދަޔަށް ފެންނަން ހުންނަ އަދި ތެޔޮވުމުގެ އަސަރު އެންމެ އަވަހަށް ކުރާވެސް ސަރަހައްދެވެ. މޫނުމަތިން ތެޔޮވުމުގެ އަސަރު ފިލުވަން އެންމެ ރަނގަޅީ ފޭސްމާސްކް ބޭނުންކުރުމެވެ. ވީމާ ޑޭޓަކަށް ދާނަމަ މީގެ ބޭނުން ކޮށްލުން ރަނގަޅުވާނެއެވެ. މިދެންނެވީ ދިއުމުގެ ކުރިން ބޭނުންކުރުމުގެ ވާހަކައެވެ.