17 May 2010, 15:18
19:00
38 ފަސިންޖަރުންނާއި ފަސް ފަޅުވެރިން ގޮވައިގެން އަފްޣާނިސްތާނުގެ ކުންދުޒް އިން ކާބުލް އަށް ދަތުރުކޮށްފައި ދިޔަ މަތިންދާބޯޓެއް އެގައުމުގެ ފަރުބަދަމަތީ ސަރަހައްދަކަށް ވެއްޓިއްޖެ އެވެ.
އަފްޣާނިސްތާނު ސަރުކާރުގެ އޮފިޝަލަކު މައުލޫމާތުދިން ގޮތުގައި ޕާމިރު އެއާވޭޒްގެ އޭ.އެން 24 ގެ އެމަތިންދާބޯޓު ވެއްޓިފައިވަނީ ކާބުލް ޕްރޮވިންސާއި އުތުރު އަފްޣާނިސްތާން ގުޅުވައިދޭ ފަރުބަދަތަކުގެ ތެރެއަށެވެ. އަދި އެބޯޓު ވެއްޓިފައިވާ ކަން ޔަގީންވީ ކުންދުޒް އިން ފުރައިގެން މިއަދު ހެނދުނު ކާބުލް އަށް ޖައްސަން އޮތް ބޯޓު ކާބުލްއަށް އައިސްފައިނުވާ ކަމަށް ޕާމިރު އެއާވޭޒުން ރިޕޯޓުކުރުމުން ކަމަށް ވެސް އެފަރާތުން ބުނެ އެވެ.
އޭނާ އިތުރަށް ބުނެފައިވަނީ މިބޯޓު ހޯދުމުގައި އެހީތެރިވެދިނުމަށް އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުންދާ ނޭޓޯ ސިފައިން ގާތުން އެދިފައިވާނެ ކަމަށެވެ. އަދި ބޯޓު ވެއްޓިފައިވާ ސަރަހައްދަށް ނޭޓޯ ސިފައިންގެ ބޯޓެއް ފޮނުވާފައިވާ ކަމަށް ނޭޓޯ ސިފައިންގެ ތަރުޖަމާނަކު ވަނީ ކަށަވަރުކޮށްދީފަ އެވެ.
އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ނޫސްވެރިޔަކު ބުނެފައިވަނީ ފަރުބަދަތަކުގެ ތެރެއަށް ބޯޓު ވެއްޓެން މެދުވެރިވީ ބޯދުންފިނީގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން ބޯޓު ހޯދުމުގެ މަސައްކަތަށް ހުރަސް އެޅިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ޕާމިރު އެއާވޭޒް އަކީ އަފްޣާނިސްތާނުގައި އެތެރޭގެ އުދުހުންތަކުގެ ޚިދުމަތް ދޭ އެންމެ ބޮޑު އެއް އެއާލައިނެކެވެ.