16 Jul 2017, 21:59
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ދުސްތޫރީ މައްސަލަތައް ބެލޭނެ ކަމަށް އެ ކޯޓުން ބުނެފިއެވެ.
ސުޕްރީމް ކޯޓުން މިހެން ބުނެފައި ވަނީ މިރޭ ނެރުނު ކޯޓު އަމުރެއްގައެވެ. އެ އަމުރު ނެރުނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލާގައި އެ ކޯޓުން ހުކުމް ކުރި މައްސަލަ ތިން ފަނޑިޔާރުންގެ ބެންޗަކުން ބެލީ ކޯޓުތަކުގެ ގާނޫނާ ޚިލާފަށް ކަމަށް އިދިކޮޅު އިއްތިހާދުގެ ގާނޫނީ ވަކީލުން ވިދާޅުވެފައި ވަނިކޮށެވެ.
އިދިކޮޅު އިއްތިހާދުގެ ގާނޫނީ ވަކީލުން ވިދާޅުވެފައި ވަނީ ދުސްތޫރީ މައްސަލަޔައް ސުޕްރީމް ކޯޓުން ބަލަންވާނީ ފަސް ފަނޑިޔާރުންގެ ބެންޗަކުން ކަމަށް ކޯޓުތަކުގެ ގާނޫނުގައި، އެއްވެސް އޮޅުމެއްނެތްގޮތަށް ސާފު އިބާރާތުން ބަޔާންކޮށްފައިވާ ކަމަށެވެ.
ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ އެ މާއްދަގެ (ހ) ގައި ބަޔާންކުރާ މައްސަލަތައް ސުޕްރީމް ކޯޓުން ބަލައި ނިންމަންވާނީ ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން މަދުވެގެން ފަސް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ މަޖިލީހަކުން، އެ މަޖިލީހުގައި އެ ހުރިހާ ފަނޑިޔާރުން ހާޒިރުވެތިގެން ކަމަށެވެ.
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނެފައި ވަނީ އެފަދައިން އެ ގާނޫނުގައި ލިޔެފައި އޮތްއޮތުމަށް ބެލިއިރު، އެގޮތަށް ލިޔެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަދަކީ 7 ކަމަށް އެ ގާނޫނުގައ ބަޔާންކޮށްފައި އޮތުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތު ހިމެނޭ އޮނަހިރި އަދަދަކުން ދުސްތޫރީ މައްސަލަތައް ބެލުމަށްކަމަށެވެ.
ނަމަވެސް މިހާރު ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންގެ ގޮތުގައި ހަމަޖައްސާފައިވާތީ ދުސްތޫރީ މައްސަލައެއް ބެލުމުގައި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތު ހިމެނޭ އޮނަހިރި އަދަދަކީ ތިނެއް ކަމަށް އެ އަމުރުގައިވެއެވެ. އެ އިސްލާހަށްފަހު ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑި ޔާރުން ތިބެގެން ނިންމަން އޮންނަނީ ގާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތަކުގައި ކަމަށް ވެސް އެ އަމުރުގައިވެއެވެ.
އަދި 2013 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ފާސްކޮށް އާންމުކޮށްފައިވާ "ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލާނެ ފަނޑިޔާރުންގެ މަޖިލިސް އެކުލަވާލުމާއި، އެ މަޖިލިސްތަކުގެ ރިޔާސަތު ބަލަހައްޓާ ފަނޑިޔާރު ކަނޑައެޅުމާބެހޭ އުސޫލުގެ 1 ގެ (ށ) ގައި ގާނޫނޫއަސާސީގެ 113 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތައް ފިޔަވައި އެހެންހެން ދުސްތޫރީ މައްސަލަތައް 5 ފަނޑި ޔާރުންގެ މަޖިލީހަކުން ބަލާނީ އެހެންގޮތަކަށް ފަނޑިޔާރުންގެ މަޖިލީހުން ކަނޑަނާޅާހާ ހިނދަކު ކަމަށް ވެސް އެ އަމުރުގައިވެއެވެ.