16 Jul 2017, 19:28
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފްލެޓު އެޅުމަށް ޗައިނާ ޑިވެލޮޕްމެންޓް ބޭންކް (ސީޑީބީ)އިން 159 މިލިއަން ޑޮލަރު (2.5 ބިލިއަން ރުފިޔާ)ގެ ލޯނެއް ދޭން ނިންމައިފިއެވެ.
ހުޅުމާލޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ނޫސްވެރިންނަށް ދައްކާލުމަށް މިއަދު އެރަށުގައި ބޭއްވި ޓުއާއަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ އެ ލޯނު އެގްރީމެންޓުގައި ސޮއިކުރީ އިއްޔެ ކަމަށެވެ. އަދި އެލޯނުން ލިބޭ ފައިސާއިން އިމާރާތް ކުރުމަށް ހަމަޖައްސާފައިވަނީ 1530 ހައުސިން ޔުނިޓު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަދި ނުނިންމާ ވަކި ގޮތެއް. މި ދެންނެވީ ސޯޝަލް ހައުސިންގެ ގޮތުގައި ތޯ ނޫނީ އެހެން ގޮތަކަށްތޯ މި މަޝްރޫއު ކުރިއަށް ގެންދާނީ. ހަމަ ގައިމުވެސް މި މަޝްރޫއު ކުރިއަށް ގެންދަން ބޭނުން ވަނީ އެފޯޑެބަލް ހައުސިން ޕްރޮޖެކްޓެއްގެ ގޮތުގަ،" ސައިމަން ވިދާޅުވިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ނޫސްވެރިންނަށް ދިނުމަށް ބޭއްވި ޓުއާގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ
އޭނާ ވިދާޅުވީ އެ ލޯނުގެ އިތުރުން، ހުޅުމާލޭގައި ހައުސިން ޔުނިޓު އެޅުމަށް އެކުވެރި ދައުލަތްތަކާ ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ދެތިން މަހެއްހާ ދުވަސްތެރޭ ލޯނުތައް ހަމަޖެހުމުން އެއާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ.
ސީޑީބީ އިން ދޭ 159 މިލިއަން ޑޮލަރުގެ ލޯނަކީ ކުޑަ އިޓަރެސްޓް ރޭޓެއްގައި 12 އަހަރުން ދުވަހުން ދައްކައި ހަލާސްކުރާ ގޮތަށް ހަމަޖައްސައިދިން ލޯނެކެވެ.
އޭގެ އިތުރުން ސައިމަން ވިދާޅުވީ ސީޑީބީގެ ލޯނުން ހިންގާ 1530 ހައުސިން ޔުނިޓަކީ ސަރުކާރުން މިހާރު އިއުލާންކޮށްފައިވާ 7000 ހައުސިން ޔުނިޓުގެ އިތުރުން އެޅުމަށް ހަމަޖައްސާފައިވާ ޔުނިޓުތަކެއް ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ނޫސްވެރިންނަށް ދިނުމަށް ބޭއްވި ޓުއާގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިންގަން ހަމަޖައްސާފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން އެންމެ އަވަހަށް ކުރިއަށް ގެންދަނީ 7000 ހައުސިން ޔުނިޓުގެ މަޝްރޫއެވެ. އެ މަޝްރޫއުގެ ދަށުން އަޅާ އާދައިގެ ހައުސިން ޔުނިޓެއްގެ ބޮޑުމިނުގައި 57 އާއި 85 އާ ދެމެދުގެ އަކަމީޓަރު ހުންނަ އިރު މެދު ފަންތީގެ ހައުސިން ޔުނިޓެއްގެ ބޮޑު މިނަކީ 80 އަކަމީޓަރާއި 90 އަކަމީޓަރެވެ.
ސީޑީބީ ލޯނުގެ އެހީގައި ހިންގާ ފްލެޓުތަކާއި ސޯޝަލް ހައުސިންގެ ދަށުން ހިންގާ 7000 ހައުސިން ޔުނިޓުވެސް އަންނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ސައިމަން ވިދާޅުވިއެވެ. އަދި ސީޑީބީ ލޯނުގެ ދަށުން ހިންގާ މަޝްރޫއު ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭ ފެށިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.