16 Jul 2017, 19:32
މިއަދު ބޭއްވި 18 ވަނަ އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެކެޑަމީ (އައިފާ) އެވޯޑުގެ އެންމެ މޮޅު އެކްޓަރުންގެ ގޮތުގައި އާލިއާ ބަޓް އަދި ޝާހިދު ކަޕޫރު ހޮވިއްޖެ އެވެ. ދެ ތަރިން ވެސް މޮޅު އެކްޓަރުގެ އެވޯޑު ގެންދިޔައީ ފިލްމު 'އުޅްތާ ޕަންޖާބް' އިންނެވެ.
ބޮލީވުޑްގެ ނަން މަޝްހޫރު ގިނަ ފަރާތްތަކަކާ އެކު ނިއު ޔޯކުގެ މެޓްލައިފް ސްޓޭޑިއަމްގައި ކުރިއަށް ދިޔަ އެވޯޑުގައި އެންމެ މޮޅު ފިލްމުގެ އެވޯޑު ލިބުނީ ސޯނަމް ކަޕޫރު ލީޑު ރޯލުން ފެނިގެން ދިޔަ ފިލްމު 'ނީރްޖާ' އަށެވެ.

އައިފާ އެވޯޑުގައި އެވޯޑުތައް ގެންދިޔަ ބައެއް ފަންނާނުން --
އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނީ ފިލްމު 'ޕިންކް'ގެ ޑައިރެކްޓަރު އަނީރުދާ ރޯއީ ޗައުދަރީއެވެ. އެންމެ މޮޅު ސަޕޯޓިން އެކްޓަރުންނަކީ ފިލްމު 'ނީރްޖާ' އިން ޝަބާނާ އަޒްމީ އަދި ފިލްމު 'އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ' އިން އަނުޕަމް ޚޭރު އެވެ.

އެންމެ މޮޅު ޑެބިއު އެކްޓަރުންގެ އެވޯޑު ލިބުނީ ފިލްމު 'އެމްއެސް ދޯނީ' އިން ދިޝާ ޕަޓާނީ އަދި ފިލްމު 'އުޅްތާ ޕަންޖާބް' އިން ދިލްޖީތު ދޮސާންޖް އަށެވެ.
ކެޓްރީނާ ކައިފް، ވަރުން ދަވާން، ސަލްމާން ޚާން އަދި އާލިއާ ބަޓްގެ ފުރިހަމަ ހުށަހެޅުންތަކަކާ އެކު ކުރިއަށް ދިޔަ ހަފްލާގައި މިޔުޒިކްގެ ދާއިރާގައި 25 އަހަރު މަސައްކަތް ކޮށްފައިވާ ކުޅަދާނަ ލަވަކިޔުންތެރިޔާ އަދި މިޔުޒިކް ޑައިރެކްޓަރު އޭއާރް ރަހްމާން އަށް ވަނީ ޚާއްސަ އެވޯޑެއް އަރުވައިފައެވެ.

އޭއާރް ރަހްމާން
އަހަރުގެ ސްޓައިލް އައިކޮން އަކަށް ހޮވުނީ އެންމެ މޮޅު ބަތަލާގެ އެވޯޑު ގެންދިޔަ އާލިއާ އެވެ. އަދި އަހަރުގެ އެންމެ ނުފޫޒު ގަދަ އަންހެން ތަރިއަކަށް ހޮވުނީ ފިލްމު 'ޕިންކް' އިން ތާޕްސީ ޕަންނޫ އެވެ.
އެވޯޑުތައް ކާމިޔާބު ކުރި ފަރާތްތައް:
- އެންމެ މޮޅު އެކްޓަރު (ފިރިހެން): ޝާހިދު ކަޕޫރު - އުޅްތާ ޕަންޖާބް
- އެންމެ މޮޅު އެކްޓަރު (އަންހެން): އާލިއާ ބަޓް - އުޅްތާ ޕަންޖާބް
- އެންމެ މޮޅު ޑައިރެކްޓަރު: އަނިރޫދާ ރޯއީ ޗޯދުރީ - ޕިންކް
- އެންމެ މޮޅު ކޮމެޑީ އެކްޓަރު: ވަރުން ދަވާން - ދިޝޫމް
- އެންމެ މޮޅު އެކްޓަރު (ނެގެޓިވް ރޯލަކުން): ޖިމް ސަރްބް - ނީރްޖާ
- އެންމެ މޮޅު ސަޕޯޓިން އެކްޓަރު (ފިރިހެން):އަނުޕަމް ޚެއިރު - އެމް.އެސް. ދޯނީ
- އެންމެ މޮޅު ސަޕޯޓިން އެކްޓަރު (އަންހެން): ޝަބާނާ އަޒްމީ - ނީރްޖާ
- އެންމެ މޮޅު މިޔުޒިކް: ޕްރިތަމް - އޭ ދިލް ހޭ މުޝްކިލް
- އެންމެ މޮޅު ލިރިކްސް: އަމީތާބް ބަޓަޗާރިއާ (ޗަންނާ މޭރޭޔާ، އޭ ދިލް ހޭ މުޝްކިލް)
- އެންމެ މޮޅު ލަވަކިޔުންތެރިޔާ (ފިރިހެން): އަމިތު މިޝްރާ - އޭ ދިލްހޭ މުޝްކިލް
- އެންމެ މޮޅު ލަވަކިޔުންތެރިޔާ (އަންހެން): ކަނިކާ ކަޕޫރު (އުޅްތާ ޕަންޖާބް) އަދި ތުލްސީ ކުމާރް (އެއާލިފްޓް)