މިހާރު ކުރިއަށްދާ އެފްއޭއެމް އަންހެނުންގެ ފުޓްސަލް މުބާރާތުގެ ސެމީފައިނަލަށް އެމްއެންޑީއެފް އާއި އެމްޕީއެލް ދަތުރުކޮށްފިއެވެ.

އެމްއެންޑީއެފް، އަދި އެމްޕީއެލް އިން ސެމީގެ ޖާގައެއް ކަށަވަރު ކުރީ ގުރޫޕް އެކެއްގެ އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމްގެ މަގާމް ހޯދައިގެންނެވެ.

ރޭ ކުޅުނު އެ ގުރޫޕްގެ މެޗުތަކުގެ ތެރެއިން އެމްޕީއެލްއިންވަނީ އެމްއެންޔޫ ކޮޅަށް 30 ލަނޑު ޖަހައިފައެވެ. އެމްއެންޔޫއަކަށް ލަނޑެއް ކާމިޔާބެއް ނުކުރެވެއެވެ.

އެމްއެންޑީއެފް ފައިނަލުން ޖާގައެއް ކަށަވަރުވީ ރޭ ސްޓެލްކޯ އަދި ޕޮލިސް ކްލަބް ކުޅުނު މެޗު އެއްވަރު ވުމުންނެވެ.

މި ގުރޫޕްގެ އެއްވަނަ އަށް ދިޔައީ ކޮން ޓީމެއްކަން އެނގޭނީ މިރޭ ކުޅޭ މެޗުތަކަށް ފަހުއެވެ.

ގުރޫޕް ދޭކަށް ބަލާއިރު އެ ގުރޫޕުން ސެމީއަށް ގޮސްފައިވަނީ އަވަ އެފްޓީ އާއި ޓީރެކްސްއެވެ.

އެހެން މުބާރާތްތަކާ ހިލާފަށް އެފްއޭއެމުން އިންތިޒާމްކުރާ ފުރަތަމަ އަންހެން ފުޓްސަލް މުބާރާތުގައި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގައި ހިމެނޭ ދެ ކުޅުންތެރިޔަކަށް ކުޅެވޭއިރު، ބިދޭސީ އެއްވެސް ކުޅުންތެރިޔަކަށް މި މުބާރާތުގައި ނުކުޅެވޭނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

އަންހެން ފުޓްސަލް ކުރިއަރުވަން، ފުޓްސަލް ކުޅޭ އަންހެނުންނަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން އެފްއޭއެމުން އަންހެން ފުޓްސަލް މުބާރާތެއް ފަށާފައިވާއިރު، ފިރިހެން ފުޓްސަލް ކުޅުންތެރިންނަށް ވެސް ހާއްސަކޮށްގެން މުބާރާތެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ.