ކުޅަދާނަ ޑިރެކްޓަރު އަބްދުލް ފައްތާހު އަދި މަޝްހޫރު ފިލްމީ ބަތަލާ ނިއުމާ މުހައްމަދު ގުޅިގެން ޕްރޮޑިއުސްކުރާ ދިވެހި ފިލްމު "ހައްދު"ގެ ފުރަތަމަ ޓީޒާ ރިލީޒްކޮށްފި އެވެ.

ފިލްމީ ދާއިރާގައި މިވަގުތު އެންމެ އުންމީދީ ބަތަލާ މަރިޔަމް އައްޒަ އަދި މަޝްހޫރު ބަތަލާ އައިމިނަތު ރިޝްފާގެ އިތުރުން ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ ފަރާތެއްކަމުގައިވާ އަހްމަދު ޝިބާން ފެނިގެންދާ މިފިލްމަކީ މިއަހަރުގެ އެންމެ އުންމީދީ ފިލްމުކަމުގައި ފިލްމުގެ ޑިރެކްޓާ އަބްދުލް ފައްތާހު ވަނީ ފާހަގަކުރައްވައިފަ އެވެ.

ތިނެސްކަން ލޯބީގެ ހާދިސާއަކަށް ތަފާތުއެކި ރަހަތައް ހިމަނައިގެން އުފައްދާ މިފިލްމުގެ ސްކްރިޕްޓް ތައްޔާރީ މިދާއިރާގައި އެންމެ ފުރިހަމަ ސްކްރިޕްޓްތައް ކުރާ އެއްފަރާތް ކަމަށްވާ މަހްދީ އަހްމަދެވެ.

ފައްތާހުގެ 12 ވަނަ ފިލްމުކަމުގައިވާ މި އަހަރު އެންމެ އުންމީދީ ފިލްމު "ހައްދު"ގެ ހުރިހާ މަސައްކަތްތަކެއް ނިމި ބެލުންތެރިންނާ ހަމައަށް އަންނާނީ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު އެވެ.