ރައްޔިތުންގެ މަޖިލީހުގެ ދެ ކޮމެޓީއަކުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް [އައިއެމްއެފް]ގެ ވަފުދާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުން ސިއްރުކޮށްފި އެވެ.

އައިއެމްއެފުން މިއަދު ބައްދަލުކުރުމަށް ނިންމާފައި ވަނީ މަޖިލީހުގެ މާލިއްޔަތު އަދި އިގްތިސޯދީ ކޮމެޓީއާ އެވެ. މިއަދު ހެނދުނު 11:30ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެއް ބައްދަލުވުން ސިއްރުކުރުމަށް ނީންމީ ކީއްވެ ކަމެއް ކޮމެޓީން ވެސް އަދި މަޖިލީހުން ވެސް މީޑިއަކަށް އަންގާފައެއް ނުވެ އެވެ.

އައިއެމްއެފުން ކޮންމެ އަހަރަކު ވެސް ރާއްޖެ އަށް ޒިޔާރަތްކުރަމުން އަންނަ އިރު މި އަހަރުގެ ވަފުދު ރާއްޖެ އައިސްފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. ފަސް މެމެބަރުން ހިމެނޭ އެ ވަފުދު ރާއްޖެ އިން ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހު އެވެ.

އައިއެމްފެގެ މި ދަތުރުގައި ގިނަ އިދާރާތަކަކާއި މިނިވަން މުއްސަސާތަކަކާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ އިރު މިހާރު ވަނީ ރާއްޖޭގެ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.