ޔޫތު ލީޑާޝިޕް ޕްރޮގްރާމްގެ ސަރަހައްދީ ފުރަތަމަ ކެމްޕެއިން ދިވެހި ރާއްޖޭގައި ބާއްވައިފި އެވެ.

ހދ. ކުޅުދުއްފުށީގައި މި މަހުގެ 9 އިން 14 އަށް ކުރިޔަށް ދިޔަ މިޕްރޮގްރާމަކީ ޔުނައިޓެޑް ނޭޝަންސް ޑިވިލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ ދަށުން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ވައިއެލްޕީގައި ބައިވެރިވި ފަރާތްތަކުން ލައިފްސްކިލް ތަމްރީނުތަކުގައި ބައިވެރިވަނީ --- ފޮޓޯ: ވައިއެލްޕީ

ހދ. އަތޮޅުން ޖުމުލަ 13 ދަރިވަރުން ބައިވެރިވި އެ ޕްރޮގްރާމްގައި މުޖުތަމައުގެ ކުރިއެރުމަށް ފަރުދީގޮތުން ކުރެވޭނެ ކަންކަމާ މެދު ވާހަކަ ދައްކައި އެކަންކަން ކުރާނެ ގޮތާ ދޭތެރޭ މަޝްވަރާކޮށް އަދި ދަރިވަރުންގެ ހުނަރުވެރިކަމާއި ލައިފް-ސްކިލްސް ކުރިއަރުވާނެ ގޮތްގޮތާއި ޓެކްނޮލޮޖީގެ ޒަރީއާ އިން އަދި ޓެނޮލޮޖީ ބޭނުންކޮށްގެން މުޖުތަމައުގެ ކަންކަމުގައި އެހީތެރިކަމާއި ކުރިއެރުން ފޯރުކޮށްދޭން ގޮތްތަށް ވެސް ދަސްކޮށްދިން ކަމަށް ޔޫއެެންޑީޕީ މާލޭ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުންޏެވެ.

މީގެ އިތުރުން ދިވެހި ރެޑް ކްރެސެންޓްގެ ފަރާތުން ފަސްޓް-އެއިޑް ސެޝަންއެއް ވެސް މިދަރިވަރުންނަށް ހާއްސަކޮށްގެން ކުރިޔަށް ގެންދިޔަ ކަމަށް ޔޫއެންޑީޕީ އިން ބުންޏެވެ.

އެޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު މިމަހުގެ 14 ވަނަ ދުވަހު ބޭއްވުނީ ކުޅުދުއްފުށީ އަތޮޅު އަދި ރަށު ކައުންސިލް މެމްބަރުންގެ އިތުރުން ދިރާގުގެ ޗީފް މާކެޓިންގް އޮފިސާ އިސަބެލް ހަޖްރީ އަދި ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ޝޮކޯ ނޮޑާގެ ހާޒިރުގަ އެވެ.

ވައިއެލްޕީ ގައި ބައިވެރިން ހަރަކާތްތެރިވަނީ --- ފޮޓޯ: ވައިއެލްޕީ

މީގެ އިތުރުން އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އާއި ތަފާތުއެކި އެންޖީއޯތައް ވެސް އެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވި އެވެ.

ޔޫތު ލީޑާޝިޕް ޕްރޮގްރާމް (ވައިއެލްޕީ) އަކީ ޔޫއެންޑީޕީގެ ދަށުން މަސައްކަތްކުރާ، ޒުވާން ލީޑަރުން އުފެއްދުމާ ސަރަހައްދީ ފެންވަރުގައި މުޖުތަމައުގެ އެކިއެކި މައްސަލަތަކުގައި އަޑުއުފުލުމާއި މީހުން ތަމްސީލުކުރުމަށް އެހީތެރިވެދޭ އެންމެ އިސްކޮށް މަސައްކަތްކުރާ އެއްފަރާތެވެ.