ދެމަފިރިކަމުގެ ގުޅުން ވީޑިއޯކޮށްގެން ބެލި ކަމުގެ ތުހުމަތުގައި ހއ. އުތީމުން ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެ ރަށު ހޭޒްލީން، މުހައްމަދު ހަސަން 26، އަކީ އުތީމު އެމްޑީޕީ ގޮފީގެ ވަގުތީ ނައިބު ރައީސް ކަމަށް ސަށް އަށް ކަށަވަރުވެއްޖެ އެވެ.
އުތީމު ކައުންސިލުން ވެސް ވަނީ އެކަން ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ރަށު ކައުންސިލް މެންބަރު މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ އިއްޔެ އެ ރަށުން ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން މުހައްމަދު ހަސަން އަކީ އެ ރަށުގެ އެމްޑީޕީ ގޮފީގެ ވަގުތީ ނައިބު ރައީސް ކަމަށާއި ނަމަވެސް އޭނާ ފުލުހުން ހައްޔަރު ކުރި ސަބަބެއް ކައުންސިލް އިދާރާއާ ހިއްސާ ނުކުރާ ކަމަށް ރަޝީދު ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މީހުން ހައްޔަރު ކުރީ ދެމަފިރިއެއްގެ ކޮޓަރި ބެލި މައްސަލައެއްގައި ކަމަށެވެ. އަދި ކޮޓަރީގެ މަންޒަރުތައް ވީޑިއޯ ކުރި ކަމުގެ ތުހުމަތުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އުތީމު ކައުންސިލްގެ ރައީސް އަސްރާރު އާދަމް ވިދާޅުވީ ރަށުގެ އެމްޑީޕީ ގޮފީގެ ވަގުތީ ނައިބު ރައީސް މުހައްމަދު ހަސަން އަކީ އެ ރަށު ހެލްތު ފޯސްޓްގެ ސެކިއުރިޓީ ބަލަހައްޓަމުންދާ މީހެއް ކަމަށެވެ. އަދި އޭނާއާ އެކު ފުލުހުން އިއްޔެ ހައްޔަރު ކުރި އެ ރަށު ކެތީރޯޒް، އަލީ މުނާޒު 21، އަކީ ރިސޯޓްތަކުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން އަންނަ މީހެއް ކަމަށް އަސްރާރު ވިދާޅުވި އެވެ.

އުތީމުން ވާހަކަ ދެއްކި މީހަކު ބުނީ އެ ރަށު ހެލްތު ޕޯސްޓްގެ ސެކިއުރިޓީ ބަލަހައްޓަމުން އަންނަ އެމްޑީޕީގެ ގޮފީގެ ނައިބު ރައީސް މުހައްމަދު ހަސަން އާއި މުނާޒުއާ ދެ މީހުން ގުޅިގެން ރަށުގެ ގިފިލިތަކާއި ގެތަކުގައި ކެމެރާ ހަރުކޮށްގެން އަންހެން ކުދިންގެ ބަރަހަނާ މަންޒަރުތަކެއް ވީޑިއޯކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް އެ މީހުން ކުރަނީ މުހައްމަދު ހަސަން ހެލްތު ފޯސްޓްގައި ސެކިއުރިޓީ ބަހަލައްޓަމުންދާ ޑިއުޓީގެ ވަގުތުގައި ކަމަށް ވެސް އެ މީހާ ބުންޏެވެ.

"މުހައްމަދު ހަސަންގެ އަކީ ވޮޗަރެއް. އޭނާ ދަންވަރުގެ ވަގުތުގެ ޑިއުޓީގައި ކުރާ މަސައްކަތަކީ އެއީ،" ނަން ނުޖެހުމަށް ޝަރުތު ކުރި މީހާ ބުންޏެވެ.

ސަން އަށް އެގިފައިވާ ގޮތުގައި ރަށުގެ އަންހެން ކުދިންގެ ބަރަހަނާ ވީޑިއޯ އާއި ފޮޓޯތައް އަޅާފައިވާ ކަމަށް ޝައްކުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ލެޕްޓޮޕަކީ ވެސް މުހައްމަދު ހަސަންގެ ލެޕްޓޮޕެކެވެ.

ދެމަފިރިކަމުގެ ގުޅުން ވީޑިއޯ ކުރި ކަމުގެ ތުހުމަތުގައި އުތީމުން ހައްޔަރު ކުރި ދެ މީހުންގެ ތަހުގީގުތައް ފުލުހުން ކުރިއަށް ގެންދަނީ ހއ. ދިއްދޫގަ އެވެ. އަދި އެ ދެ މީހުން އިއްޔެ ހައްޔަރު ކުރި ގޮތަށް އަދިވެސް ތިބީ ދިއްދޫގަ އެވެ.