16 Jul 2017, 11:45
މިމަހު އެކަނި ވެސް މާލޭގައި ތުއްތު އަށް ކުއްޖަކު ވަނީ މަރުވެފަ އެވެ. ކައިރިކައިރީގައި ތުއްތު ކުދިންތަކެއް މަރުވާތީ އެތައް ބަޔަކު ކަންބޮޑުވެ އެސުވާލު ކުރަން ފަށައިފި އެވެ. ސުވާލަކީ ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް އެކަމުގައި ފަހަތުގައިވަނީތޯ އެވެ؟
އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރު، އަހުމަދު މައުސޫމް "ސަން" އަށް ވިދާޅުވީ އުފަންވުމަށް ފަހު ތުއްތުއިރު މަރުވުމުގައި އެލާޓްވާން ޖެހޭ ކަމެއް ނުވަތަ އިތުރު މައްސަލަތަކެއް ފާހަގަ ނުވާ ކަމަށާއި އެކުދިން ނިޔާވެފައި ވަނީ އާންމު މައްސަލަތަކުގައި ކަމަށެވެ.
"ހޮސްޕިޓަލް އެލާޓް ކަމެއް ނާދެ، މިދުވަސްކޮޅު އިތުރު ނަމަ އެއީ އިއްތިފާގެއް، އަނެއްހެން މައްސަލައެއް ފާހަގަ ނުވޭ،" މައުސޫމް ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓާ އަހުމަދު އައްފާލް ސަން އަށް ވިދާޅުވީ އެއްވެސް އާދަޔާއި ހިލާފް މައްސަލައެއް ފާހަގަވެފައިނުވާ ކަމަށެވެ.
ރާއްޖެއަކީ ވިހެއުމުގެ ތެރެއިން އަދި ޅަފަތުގައި މަރުވާ މީހުން އަދި ކުދިންގެ އަދަދު ނިސްބަތުން ވަރަށް ބޮޑަށް ދަށްކުރެވިފައިވާ ގައުމެކެވެ. އެގޮތުން އުފަންވާ 1000 ތުއްތު ކުދިންގެ ތެރެއިން 16 ކުދިން 2006 ވަނަ އަހަރާ ހަމައަށް މަރުވެފައިވާ އިރު 2014 ގައި އެއަދަދު ވަނީ އަށަކަށް ދަށް ކުރެވިފަ އެވެ.
ރާއްޖޭގައި މަރުވާ މީހުންގެ އަދަދު އިތުރުވޭތޯ އަދި އޭގެ ފަހަތުގައި ބޮޑު މައްސަލައެއް އުޅޭތޯ ބެލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ދަނީ ތަފާސް ހިސާބްތައް ބަލަހައްޓައި ދިރާސާ ކުރަމުންނެވެ.
މިކަމާ ބެހޭ ގޮތުން އެޗްޕީއޭގެ ބަހެއް ހޯދަމް ތަކުރާރުކޮށް ކުރި މަސައްކަތް ވަނީ ކާމިޔާބްވާގޮތްނުވެފަ އެވެ.
ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރުންނާއި ވާހަކަ ދައްކާލުމުން އެފަރާތްތަކުން ބުނީ ތުއްތު ކުދިން މަރުވާ ނިސްބަތް ކުރިއަށް ވުރެ މިހާރު ބޮޑުތަން ދަށް ކުރެވުފައިވާ ކަމަށާއި ކަންބޮޑުވާން ޖެހޭ މައްސަލައެއް ނެތް އަދި ކަމަށެވެ.