ބޮލީވުޑް ފަންނާނުންގެ ބޮޑީގާޑުންނާއި ސަޕޯޓަރުންނާ ދޭތެރޭ ހަމަނުޖެހުން ހިނގުމަކީ އާންމު ކަމެކެވެ. އެހެން ނަމަވެސް 18 ވަނަ އިންޓަނޭޝަނަލް އިންޑިއަން ފިލްމް އެކެޑަމީ (އައިފާ) އެވޯޑުގައި މިވަނީ ދެ ފަންނާނުންގެ ބޮޑީގާޑުންގެ ދެމެދު ހަމަނުޖެހުން ހިނގައިފަ އެވެ.

ހަމަނުޖެހުން ހިނގާފައި ވަނީ ހުނަރުވެރި ބަތަލާ އާލިއާ ބަޓް އަދި އެކްޓަރު ވަރުން ދަވާންގެ ބޮޑީގާޑުންގެ ދެމެދު އެވެ. މި ހަމަނުޖެހުން ހިނގާފައި ވަނީ އައިފާ އެވޯޑުގައި ބައިވެރިވުމަށް ދެ ތަރިން ނިއު ޔޯކަށް ދިޔަތަނާ އެއާޕޯޓު ތެރެއިންނެވެ.

އެއޯޕޯޓު ބޭރުގައި ގިނަ އަދަދެއްގެ ބަޔަކު އެއްވެފައި ތިބި އިރު، ދެ ބޮޑީގާޑުން ވެސް ހިނގަމުން ދިޔައީ އާލިއާގެ ކުރިން، މީހުން ފަހަތަށް ޖައްސަމުންނެވެ. ވަރުން ދިޔައީ އާލިއާގެ ފަހަތުންނެވެ.

ހަމަނުޖެހުން ހިނގީ އެއްވެފައި ތިބި މީހުން ކޮންޓްރޯލުން ނެއްޓުމުން، ވަރުން އަށް އެހީވުމަށް އޭނާގެ ބޮޑީގާޑު މަސައްކުރުމުގެ ތެރޭގައި އާލިއާގެ ބޮލުގައި އޭނާގެ އުޅަބޮށިން ޖެހުމުންނެވެ.

އެއާއެކު ދެ ބޮޑީގާޑުންގެ ދެމެދު ހަމަނުޖެހުން ހިނގައި ބަހުގެ ހަމަލާތައް ރައްދުކުރަން ފެށި އެވެ. ދެމީހުން ކޮންޓްރޯލް ކުރަން ޖެހުނީ ވަރުން އަށެވެ.

ވަރުން އާއި އާލިއާ ވެސް އެވޯޑަށް ނޮމިނޭޓް ވެފައިވާ އިރު، ދެމީހުންގެ ހުށަހެޅުންތަކެއް ވެސް ފެނިގެންދާނެ އެވެ.