16 Jul 2017, 11:32
މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ރަންބީރު ކަޕޫރު އަދި ކެޓްރީނާ ކައިފްގެ ފިލްމު 'ޖައްގާ ޖާސޫސް' އަށް އެކަށީގެންވާ ވަރުގެ ތަރުހީބެއް ލިބެމުން އެބަދެ އެވެ.
ފުރަތަމަ ދުވަހު ފިލްމަށް ލިބިފައި ވަނީ 8.57 ކުރޯރު ރުޕީޒް އެވެ. އެހެން ނަމަވެސް ހޮނިހިރު ދުވަހު ފިލްމަށް ވަނީ 10.50 ކުރޯރުގެ އާމްދަނީއެއް ލިބިފަ އެވެ.
އަނޫރާގް ބާސޫ ޑައިރެކްޓުކޮށް، ރަންބީރު ޕްރޮޑިއުސް ކޮށްފައިވާ 'ޖައްގާ ޖާސޫސް' އަށް އެކަށީގެންވާ ތަރުހީބެއް ލިބެމުން އަންނަ އިރު، ފިލްމުގައި ރަންބީރު ދައްކުވައިދީފައިވާ އެކްޓިން ކްރިޓިކްސް އަދި އާންމުންގެ ފަރާތުން ވެސް ބޮޑު ތައުރީފެއް އަންނަނީ ލިބެމުންނެވެ.
ފިލްމުގައި ރަންބީރު (ޖައްގާ) މަސައްކަތް ކުރަނީ އޭނާގެ ބައްޕަ ހޯދުމަށެވެ. އެ މަސައްކަތުގައި އޭނާ އަށް އެހީތެރިވަނީ ފިލްމުގައި ނޫސްވެރިއެއްގެ ރޯލުން ފެނިގެންދާ ކެޓްރީނާ (ޝްރޫތީ) އެވެ.
'ޖައްގާ ޖާސޫސް' ރިލީޒް ކުރެވިފައި މިވަނީ ތިން އަހަރު ދުވަހަށް ދިގުދެމިގެން ދިޔަ ޝޫޓިން އަކަށް ފަހު އެވެ. ފިލްމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ރަންބީރު އާއި ކެޓްރީނާގެ ލޯބީގެ ގުޅުން ނިމުމުން އެ ފިލްމުގެ މަސައްކަތް ކުރިއަށް ނުދާނެ ކަމަށް ވެސް ބެލެވުނެވެ.
ފިލްމު ކާމިޔާބު ވެއްޖެ ނަމަ، ތިން އަހަރު ދުވަހު ކުރި މަސައްކަތް ބޭކާރުވެގެން ނުދާނެ ކަމަށް ކެޓްރީނާ ބުނެފައިވާ އިރު ރަންބީރު ވަނީ ފިލްމުގެ ޑިސްޓްރިބިއުޓަރުންނަށް ގެއްލުން ވެއްޖެ ނަމަ، ގެއްލުމުގެ ބަދަލު ދޭނެ ކަމަށް ބުނެފަ އެވެ.