16 Jul 2017, 11:00
ފާރެއް ވެއްޓުމުގެ ސަބަބުން ސެނެގާލްގެ ސްޓޭޑިއަމެއްގައި އަށް މީހުން މަރުވެ 49 މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ އެގައުމުގެ ޑެމްބާ ޑިއޮޕް ސްޓޭޑިއަމްގައި، ލީގް ފައިނަލް މެޗްގައި ސްޓޭޑް ޑި މްބޯރ އަދި ޔޫނިއަން ސްޕޯޓިވް އޫކަމް ގެ ސަޕޯޓަރުން ހޫނުވެ ހިނގި ހަމަނުޖެހުމެއް ކޮންޓްރޯލް ކުރުމަށް ސިފައިން ނިކުތުމުން ދެފަރާތުގެ މެދުގައި ހިނގި ކުރިމަތިލުންތަކެއްގެ ތެރޭގައެވެ.
ހަމަނުޖެހުން ހިނގަން މެދުވެރިވީ މެޗުގެ 90 ވަނަ މިނެޓުގައި 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވަނިކޮށް އިތުރުވަގުތުގައި މްބޯރްއިން އެމީހުންގެ ދެވަނަ ލަނޑުޖަހައި ލީޑު ނަގައި މެޗް ނިންމާލުމުގެ ސަބަބުން އިދިކޮޅު ޓީމުގެ ސަޕޯޓަރުން ދަނޑުމައްޗަށް ގަލާއި ފުޅި ފަދަ ތަކެތި އުކަންފެށުމުން ފުލުހުން ކަރުނަގޭސް ޖެހުމުންނެވެ.
ދަނޑުގައިތިބި ދެޓީމުގެ ސަޕޯޓަރުންނާއި ފުލުހުންގެ ކުރިމަތިލުން ގޯސްވެ ސްޓޭޑިއަމްގެ ތެރެ ހަލަބޮލިވެ އަދި އެއް ސަރަހައްދަކަށް އެންމެން ޖަމާވުމުގެ ސަބަބުން، އެތަނުގައި ހުރި ފާރުގައި މީހުން ބާރަށްޖެހި، ފާރުގެ ބޮޑު ބައެއް ކަނޑައިގެން ވެއްޓުނީއެވެ. އޭރު ފާރު ވެއްޓުނު ސަރަހައްދުގައި މީހުން ތިބިކަމަށް މަންޒަރުދުށް މީހުން ބުންޏެވެ.
އެ ހާދިސާއާ ގުޅިގެން ސެނެގާލްގެ ރައީސްގެެ ސްޕޯކްސްޕާސަން ވިދާޅުވީ މިއަދު ފެށުމަށް ހަމަޖެހިފައިވާ އިންތިޚާބު ފަސްކޮށްފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި އަދި އިހްމާލްވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.