ސްރީލަންކާ އާއި ބަންގްލަދޭޝާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް މިއަހަރު ގާއިމުކޮށް، އިގްތިސާދީގޮތުން ގުޅުންތައް ވަރަށް ބޮޑަށް ބަދަހިކުރުމަށް ނިންމައިފި އެވެ.

ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ މިދިޔަ ހަފްތާގައި ވަނީ، ވިޔަފާރިވެރިންގެ ބޮޑު ވަފުދަކާ އެކު ބަންގްލަދޭޝަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފަ އެވެ. އެ ދަތުރުފުޅު ނިންމަވާލައްވައި، އެނބުރި ލަންކާއަށް ވަޑައިގަތީ އިއްްޔެ އެވެ.

ރައީސް ސިރިސޭނާގެ މި ދަތުރުފުޅުގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާއާ އެކު ވަނީ ޚާރިޖީ ގޮތުންނާއި ވިޔަފާރީގެ ދާއިރާ އިން އެއްބާރުލުން ދިނުމާ ބެހޭ ގޮތުން ގިނަ މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފަ އެވެ.

ބަންގްލަދޭޝްގެ ސަރުކާރާއި ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ވަނީ ސްރީލަންކާ އެކު ވިޔަފަރީގެ ދާއިރާ އިން ގުޅުން ބަދަހިކުރުމަށް ޓަަކައި، އެގައުމުގެ ވިޔަފާރި ވަފުދާ މަޝްވަރާކުރުމަށް ޚާއްސަ ބައްދަލުވުންތަކެއް ބާއްވައިފަ އެވެ.

ސްރީލަންކާއާ ބަންގާޅާ ދެމެދު އަހަރަކު 142 މިލިޔަން ޑޮލަރުގެ ވިޔަފާރި ކުރެވޭ އިރު، ދެގައުމުގެ ވެރީން ވަނީ ކުރިޔަށް އޮތް އަހަރުތަކުގެ ތެރޭގައި މި އަދަދު ތިން ގުނައަށް އިތުރުކުރުމަށް މަޝްވަރާކުރައްވައިފަ އެވެ.

މީގެ އިތުރުން މި އަހަރުގެ ފަހުކޮޅު ދެގައުމުގެެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ޓަކައި މަގުފަހި ކުރުމަށް، އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ އެމްޔޯއޫއެއްގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.