ވޮޝިންޓަން (ޖުލައި 16): އެމެރިކާގެ ކެލިފޯނިއާގައި 18 ބުޅަލަށް އަނިޔާކޮށް މަރާލި މީހަކަށް 16 އަހަރުގެ ޖަލު ހުކުމެއް ކޮށްފި އެވެ.

އުމުރުން 26 އަހަރުގެ ރޮބަޓް ފާމާ ބުޅާ ވަގަށް ނަގަން ފެށީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އަދި އެ އަހަރުގެ އޮކްޓޯބަރު މަހު ފުލުހުން އޭނާ ހައްޔަރު ކުރި އިރު އޭނާގެ ކާރުން މަރުވެފައިވާ ބުޅަލަކާއި އެހެން ބުޅާތަކުގެ ކެހެރި ފެނިފައިވެ އެވެ.

އެނިމަލް ސާވިސަސްގެ ރިޕޯޓަކުން ދައްކާ ގޮތުގައި އެކާރުގައި އޮތް ބުޅަލަށް ޖިންސީ އަނިޔާކޮށްފައިވާ ކަމަށް ތަހުގީގުން ދެއްކި އެވެ.

ކެލިފޯނިއާގެ ނޫހެއް ކަމަށްވާ މާކިއުރީ ނިއުސްގައިވާ ގޮތުން ބުޅާ ވަގަށް ނަގަނީ ފާމާކަން އެނގުނީ ގޯގޯ ކިޔާ އޮޅު ބުޅަލެއް ވަގަށް ނަގާ މަންޒަރު ސީސީޓީވީ ކެމެރާތަކުން ރިކޯޑު ކުރެވުމުންނެވެ.

ކޯޓުގައި ފާމާ ވަނީ 18 ބުޅާ މަރާލަައި، ތިން ބުޅަލަށް އަނިޔާ ކުރި ކަމަށް އިއުތިރާފުވެފަ އެވެ. އަދި އޭނާގެ މައްޗަށް 16 އަހަރުގެ ޖަލު ހުކުމެއް ކުރުމުގެ އިތުރުން އޭނާ ޖަލުން މިނިވަންވުމަށް ފަހު 10 އަހަރު ވަންދެން އެއްވެސް ޖަނަވާރެއް ގެންގުޅުން ވަނީ މަނާކޮށްފަ އެވެ. (ބީބީސީ)