ކްލަބް އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓާ ގުޅިގެން ބާއްވާ ސުޒުކީ ވިލި މުއައްސަސާ ކަޕްގެ 'ގްރޫޕް ބީ'ގައި ސްޓެލްކޯ ބަލިކޮށް، މޯލްޑިވް ގޭސްއިން ސެމީ ފައިނަލުގެ އުންމީދެއް އާކޮށްފި އެވެ.

ވިލިމާލޭ ފުޓްސަލް ދަނޑުގައި ކުރިއަށްދާ އެ މުބާރާތުގެ 'ގްރޫޕް ބީ'ގައި ރޭ ކުޅުނު މެޗުގައި ސްޓެލްކޯ އަތުން މޯލްޑިވް ގޭސް މޮޅުވެފައި ވަނީ 10-6 ލަނޑުގެ ނަތީޖާއަކުންނެވެ. މުބާރާތުގައި މޯލްޑިވް ގޭސް ކުޅުނު ފުރަތަމަ މެޗުގައި ޓީމް ހައުސިން އަތުން ބަލިވެފައިވާ އިރު، ސްޓެލްކޯ ވަނީ ފުރަތަމަ މެޗުގައި މުހިއްދީން ސްކޫލް އަތުން މޮޅުވެފަ އެވެ.

ވިލި މުއައްސަސާ ކަޕްގައި މޯލްޑިވް ގޭސްއާއި ސްޓެލްކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މޯލްޑިވް ގޭސް މޮޅުވީ 10-6 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އެންޓޮމް

ރޭ ކުޅުނު 'ގްރޫޕް ބީ'ގެ މެޗުގައި މޯލްޑިވް ގޭސް އިން ކާމިޔާބުކުރި ދިހަ ލަނޑުގެ ތެރެއިން އަށް ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަހްމަދު ރަޝީދު(އައްމަޑޭ) އެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ނާޒް އަދި ހަސަން ޝިފާއު އެވެ.

އެ މެޗުގައި ސްޓެލްކޯ އިން ކާމިޔާބުކުރި ހަ ލަނޑުގެ ތެރެއިން އިސްމާއިލް ޒާހިރު އަދި ހަސަން ނަސީރު، މިއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ޚަލީލް އަދި އަހްމަދު ސާދިން އެވެ.

ވިލި މުއައްސަސާ ކަޕްގައި މޯލްޑިވް ގޭސްއާއި ސްޓެލްކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މޯލްޑިވް ގޭސް މޮޅުވީ 10-6 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އެންޓޮމް

އެ މުބާރާތުގައި މިރޭ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ. މިރޭ 8:15ގައި ކުޅޭ 'ގްރޫޕް އޭ'ގެ މެޗުގައި ޓީމް އެމްޓީސީސީއާ ދެކޮޅަށް ޔޫތު މިނިސްޓްރީ ނުކުންނައިރު، މިރޭ 9:15ގައި ކުޅޭ 'ގްރޫޕް ބީ'ގެ މެޗުގައި ބައްދަލުކުރާނީ މުހިއްދީން ސްކޫލާއި ޓީމް ހައުސިން އެވެ. އަދި މިރޭ 10:15ގައި ކުޅޭ 'ގްރޫޕް އޭ'ގެ މެޗުގައި ބައްދަލުކުރާނީ ސިފައިންނާއި ދިރާގެވެ.

އެ މުބާރާތުގައި ޖުމްލަ ނުވަ ޓީމެއް ވާދަކުރާ އިރު، އެ ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފަ އެވެ. 'ގްރޫޕް އޭ'ގައި ހިމެނެނީ ޓީމް އެމްޓީސީސީއާއި ޔޫތު މިނިސްޓްރީ އާއި، ސިފައިންނާއި، ފުލުހުން އަދި ދިރާގެވެ. 'ގްރޫޕް ބީ'ގައި ހިމެނެނީ ސްޓެލްކޯއާއި ޓީމް ހައުސިންއާއި މޯލްޑިވް ގޭސް އަދި މުހިއްދީން ސްކޫލެވެ.

ވިލި މުއައްސަސާ ކަޕްގައި މޯލްޑިވް ގޭސްއާއި ސްޓެލްކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މޯލްޑިވް ގޭސް މޮޅުވީ 10-6 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އެންޓޮމް

އެ މުބާރާތުގެ ވަނަތަކަށް ހޮވޭ ޓީމުތަކަށް ފައިސާގެ އިނާމެއް ކަނޑައަޅާފައިވެ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފަ އެވެ.

މިމަހުގެ 13އިން ފެށިގެން 22ގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީއެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ. މިއީ މިފަދަ މުބާރާތެއް ވިލިމާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

ވިލި މުއައްސަސާ ކަޕްގެ މެއިން ސްޕޮންސަރަކީ ސުޒުކީއެވެ. އިވެންޓް ޕާޓްނަރުންނަކީ އޮފިޝަލް އިވެންޓްސްއެވެ. މުބާރާތުގެ ބެވަރޭޖް ޕާޓްނަރުންނަކީ ވިޓާއެވެ. އަދި މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރުންނަކީ ކްލަބު ގްރީން ސްޓްރީޓްސްގެ ވެސް ރަސްމީ ފޮޓޯގްރަފީ ޕާޓްނަރުން ކަމަށްވާ އެންޓޮމް އެވެ.