ވޮޝިންޓަން (ޖުލައި 15) : މިދިޔަ މޭ މަހު ސައޫދީ އަރަބިޔާގައި ބޭއްވި ސަމިޓްގައި ބައިވެރިވެވަޑައިގަތީ ސަތޭކަ ބިލިއަނަށްވުރެ ގިނަ ޑޮލަރު ދިނުމަށް ސައޫދީ އަރަބިޔާއިން އެއްބަސްވުމުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ޓީވީ ނެޓްވާކެއް ކަމަށްވާ ސީބީއެން އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާ އަތުން އެތަށް ސަތޭކަ ބިލިޔަން ޑޮލަރުގެ ހަތިޔާރު ގަތުމަށް ސައޫދީ ސަރުކާރު އެއްބަސްނުވިނަމަ އޭނާ ސައޫދީ އަށް ޒިޔާރަތް ނުކުރައްވާނެކަން ސައޫދީ މަސްއޫލުވެރިންނަށް ދެންނެވި ކަމުގައެވެ. އެހެންކަމުން މޭ މަހު ސައޫދީ އަރަބިޔާގައި ބޭއްވި ސަމިޓްގައި ބައިވެރިވެވަޑައިގަތީ އެކަމަށް ސައޫދީ މަސްއޫލުވެރިން އެއްބަސްވެވަޑައިގަތުމުން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މިދިޔަ މޭމަހު ސައޫދީގައި ތިން ސަމިޓެއް ބޭއްވިއެވެ. އޭގެ ތެރެއިން އެއްސަމިޓަކީ ޓްރަމްޕާއި ސައޫދީ ރަސްގެފާނާ އެކުގައި ބޭއްވި ސަމިޓެކެވެ. އަނެއް ސަމިޓަކީ ގަލްފު ކޯޕަރޭޝަންގެ ގައުމުތަކުގެ އިސްވެރިންނާއި ޓްރަމްޕާ އެކު ބޭއްވި ސަމިޓެވެ. ތިންވަނަ ސަމިޓަކީ އިސްލާމީ ގިނަ ގައުމުތަކެއްގެ އިސްވެރިންނާއި ޓްރަމްޕާ އެކު ބޭއްވި ސަމިޓެކެވެ.

މިތިން ސަމިޓްގެ ތެރެއިން އެމެރިކާ އަތުން ހަތަރު ސަތޭކަ ފަސްދޮޅަސް ބިލިޔަން ޑޮލަރުގެ ހަތިޔާރު ގަތުމަށް ސައޫދީ ސަރުކާރުން އެއްބަސްވެ ސޮއިކުރީ ޓްރަމްޕާއި ސައޫދީ ރަސްގެފާނާ އެކުގައި ބޭއްވި ސަމިޓްގައެވެ. އެސަމިޓްގައި ސައޫދީންވަނީ ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ ހިންގަވާ އިޖްތިމާއީ ހަރަކާތްތަކަށް ހިލޭ އެހީއެއްގެ ގޮތުން ސަތޭކަ މިލިޔަން ޑޮލަރު ދިނުމަށްވެސް އެއްބަސްވެފައެވެ. މިތިން ސަމިޓްގެ ތެރެއިން އިސްލާމީ ގިނަ ގައުމުތަކެއްގެ އިސްވެރިންނާއި ޓްރަމްޕާ އެކު ބޭއްވި ސަމިޓަކީ އިސްލާމީ ދުނިޔޭގައި ސައޫދީ ސަރުކާރުގެ ބާރާއި ނުފޫޒާއި ހައިބަތު އޮތްކަން ދެއްކުމަށް ބޭއްވި ސަމިޓެއް ކަމަށް މުރާސިލުން ބުނެއެވެ.

އެސަމިޓްގައި ޓްރަމްޕާއި އިސްލާމީ ގައުމުތަކުގެ ލީޑަރުންގެ މާބޮޑު މަޝްވަރާތަކެއް އަދި އެޖެންޑާ އެއްވެސް ނެތެވެ. އެސަމިޓުން ނިންމީ ޓެރަރިޒަމާ ދެކޮޅަށް އެމެރިކާ ހިންގާ ހަރަކާތްތަކުގައި އިސްލާމީ ގައުމުތަކުން އެއްބާރުލުން ދިނުމުގެ މައްސަލަ އެކަންޏެވެ. ޓްރަމްޕްގެ ދަތުރުފުޅާ ދިމާކޮށް އިސްލާމީ ގިނަ ގައުމުތަކެއްގެ އިސްވެރިން ސައޫދީ އަށް ވަޑައިގެންނެވީ ސައޫދީގެ ބާރާއި ނުފޫޒާއި ހައިބަތު އިސްލާމީ ދުނިޔޭގައި އޮތް މިންވަރު ދެއްކުމުގެ ބޭނުމުގައި ކަމަށްވިޔަސް ގަތަރާ ދެކޮޅަށް ސައޫދީ އިސްކޮށް އޮވެގެން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގައި އިސްލާމީ އެންމެ ހައެއްކަ ގައުމުން ބައިވެރިވުމުން ސައޫދީންގެ ކޮޅުގައި އިސްލާމީ ގިނަ ގައުމުތައް ނެތްކަން ވަނީ ހާމަވެގެން ގޮސްފައެވެ.

ގަތަރާ ދެކޮޅަށް ސައޫދީ އިސްކޮށް އޮވެގެން ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ ޓްރަމްޕްގެ ފަރާތުން އެކަމަށް ރުހުމާއި ފެހިއަލި ލިބިގެންކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެމެރިކާގެ މުއައްސަސާތަކުގެ ބާރު ގަދަކަމުން ޓްރަމްޕަށްވަނީ އޭނާ ބޭނުންވި ގޮތަށް އެކަން ގެންދެވޭގޮތް ނުވެފައެވެ. (ނޫސްއެޖެންސީތައް)