15 Jul 2017, 21:49
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ސްޕެއިން މިޑްފީލްޑަރެއް ގެނެސްފިއެވެ.
ސްޕެއިންގެ މަޝްހޫރު ކްލަބެއް ކަމަށްވާ ސެލްޓާ ވިގޯއަށް ކުރިން ކުޅުނު މިޑްފީލްޑަރު އަންހެލް ލުއިސް ރުއިޒް ޕަޒް (ކަންޑެލާ) ނިއުއަށް ގެނެސްފައިވަނީ އެ ކްލަބުގެ ނެދަލެންޑްސް މިޑްފީލްޑަރު ބޮއޭސްޓްރާ ޖަމާލް ރޮމާނޯގެ މާމަ ބަލިވުމާ ގުޅިގެން އެ ކްލަބު ދޫކޮށް ދާން ޖެހުމާ ގުޅިގެންނެވެ.
އުމުރުން 30 އަހަރުގެ ކަންޑެލާ އެންމެ ފަހުން ކުޅެފައިވަނީ ސްޕެއިންގެ ތިންވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ލަ ރޮޑާއަށެވެ. ކުރިން އޭނާ ވަނީ ސްޕެއިންގެ ދެވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ އަލްބަސޭޓީގައި ވެސް ގިނަ ދުވަސްތަކެއް ހޭދަކޮށްފައެވެ. އެ ކްލަބުގެ ވެރިޔަކީ ބާސެލޯނާގެ ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާއެވެ.
ކަންޑެލާގެ އިތުރުން ނިއުއިން ވަނީ ދިވެހި ޕްރިމިއާ ލީގަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ޖަޕާން މިޑްފީލްޑަރު އޮގާވާ ކެއިސޫކޭގެ ބަދަލުގައި ލުބުނާނުގެ ޑިފެންޑަރެއް ކަމަށްވާ ހުސައިން އަލް ދޫރް ގެނެސްފައެވެ. އެ ދެ ކުޅުންތެރިންނާއެކު މިހާރު އެ ކްލަބަށް ކުޅެމުންދާ މާކޮވިޗް ސްޓެވަން އަދި ގަލާޑޯ ވަލްޑޭސް އެޑްރިއަން، ބިދޭސީ ކުޅުންތެރިންގެ ގޮތުގައި ހިމެނެއެވެ.
ނިއުއިން ވަނީ ކުރިން އެ ކްލަބު އަދި ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި ގިނަ ކާމިޔާބީތަކެއް ހޯދި ދެ ކުޅުންތެރިއެއް ވެސް ކުރިން ގެނެސްފައެވެ. އެ ދެ ކުޅުންތެރިންނަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)އާއި ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ އިބްރާހިމް ފަޒީލް (އޮއްޕޮ)އެވެ.