ރާއްޖޭގެ ރަށްތަކުގައި މިހާރު ކުރިއަށް ގެންދާ މަގުހެދުމުގެ މަޝްރޫއުތަކާއި ބަނދަރު ހެދުމުގެ މަޝްރޫއުތައް މިއަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި މިހާރު ބަނދަރުގެ 39 މަޝްރޫއަކާއި މަގުހެދުމުގެ 13 މަޝްރޫއެއް ކުރިއަަށް ގެންދާކަމަށް ވަނީ ވިދާޅުވެފަ އެވެ. އެ ހުރިހާ މަޝްރޫއެއް މިއަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް މިނިސްޓަރު ވަނީ އެ ޓްވީޓުގައި ވިދާޅުވެފަ އެވެ.

މިދިޔަ މަހުގެ ތެރޭގައި ތ. އޮމަދޫގެ ބަނދަރު ހެދުމުގެ މަޝްރޫއު ފެށޭނެ ތާރީހެއް ސާފު ކުރުމަށް މިނިސްޓަރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްފަ އެވެ.

އެދުވަހު ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މިހާތަނަށް ނިމިފައި ވަނީ ހަތް ބަނދަރެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، އޭގެ ރަނގަޅު އަދަދަކީ ކޮބައިތޯ ސާފުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ މިހާތަނަށް މިސަރުކާރުން 34 ބަނދަރެއްގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި 39 ބަނދަރެއްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ހަތް ރަށެއްގެ ޖެޓީ ހެދުމަށްވެސް ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި 16 ރަށެއްގައި މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.