ދިއްލީ (ޖުލައި 15): އިންޑިއާގެ އިރުއުތުރުގައި އޮންނަ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން 80 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

އިންޑިއާގެ އިރުއުތުރުގެ ޔޫނިއަން މިނިސްޓަރެއް ކަމަށްވާ ޖިތެންދުރަ ސިންހު ވިދާޅުވި ގޮތުގައި ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގާފައިވާ ސަރަހައްދުތަކުގެ ތެރޭގައި އައްސާމް، އަރުނާޗަލް ޕްރަދޭޝް އަދި މަނިޕޫރުގެ 58 ޑިސްޓްރިކްޓް ހިމެނެ އެވެ.

އޭގެ ތެރެއިން އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ އައްސާމުން އެކަނިވެސް 50 މީހަކު މަރުވެފައިވާ ކަމަށާއި އެސްޓޭޓުގެ ދެ މިލިއަން މީހުން ގެދޮރު ނެތިފައިވާ ކަމަށް ޖިތެންދަރު ވިދާޅުވި އެވެ.

ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނާ ގޮތުގައި އެތައް ހާސް މީހުން މިހާރު ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ. ނަމަވެސް ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެފަރާތްތަކުން ބުނެ އެވެ. (އިންޑިއާޓުޑޭ)