ދިވެހި ފިލްމު ވިޝްކާގެ މިލްކުވެރިކަމާ މެދު ހަސަން ހަލީމް (ކޮކޯ) ދައުވާ ކުރި މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ ވިޝްކާގެ މިލްކުވެރި ކަމާ އެކޯޓުން ގޮތެއް ކަނޑައަޅައި ހުކުމްކޮށްފައިވާތީ ކޮކޯ ހަސަން ކުރި ދައުވާ ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށެވެ.

އެ ފިލްމުގެ ސްކްރީން ޕްލޭ އަދި ވާހަކައިގެ މިލްކުވެރިއަކީވެސް އެ ފިލްމުގެ ޑައިރެކްޓަރު އަދި ފިލްމީތަރި އައިޝަތު ރިޝްމީ ރަމީޒް ކަމަށް ކަނޑައަޅައި ހުކުމް ކުރީ މިމަހުގެ ނުވަ ވަނަ ދުވަހުއެވެ.

ވިޝްކާގެ މިލްކުވެރިކަމާ މެދު ދުވާލު އުފައްދައި ރިޝްމީ އާ ދެކޮޅަށް އެންމެ ފުރަތަމަ ދައުވާ ކުރީ ކޮކޯ ހަސަން އެވެ. ނަމަވެސް ކޯޓަށް ހާޒިރު ނުވުމުން މައްސަލަ ބޭރުކޮށްލާފައި ވަނިކޮށް އަނެއްކާ ސިވިލް ކޯޓަށް އެމައްސަލަ ހުށަހެޅި ރިޝްމީގެ ފަރާތުންނެވެ.

ވިޝްކާގެ މިލްކުވެރިކަމާ މެދު ރިޝްމީ ކުރި ދައުވާއާ ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ވިޝްކާގެ ވާހަކަ ލިޔުނު އަބްދުﷲ ވިޝާމް އާއި ސްކްރީން ޕްލޭ ތައްޔާރު ކުރި މަހުދީ އަހުމަދާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ވާހަކަ ރިޝްމީ ގަނެފައިވާ ކަން އެނގޭ ކަމަށެވެ.

އެކަން އެނގެނީ އެ ދެމީހުން ކޯޓުގައި ވެފައިވާ އިއުތިރާފުން ކަމަށާއި އަދި އެއް އެއްބަސްވުންތަކުގެ ދަށުން ދައްކަންޖެހޭ ފައިސާވެސް ރިޝްމީގެ ފަރާތުން އަދާކޮށްފައިވާކަން އެމީހުންގެ އިއުތިރާފުން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.

ވިޝްކާ ވާހަކަ ރިޝްމީ ގަނެފައިވަނީ 5000 ރުފިޔާ ވާހަކަ ލިޔުނު މީހައަށް ދިނުމަށްފަހުގަ އެވެ. އަދި ސްކްރީން ޕްލޭ ގަނެފައިވަނީ 14000 ރުފިޔާ އެ ތައްޔާރު ކުރި މީހާއަށް ދިނުމަށްފަހުގަ އެވެ. އެ ހުރިހާ ފައިސާއެއް ރިޝްމީ ދައްކާފައިވާކަން އެނގެން އޮންނަ ކަމަށްވެސް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ.

އެހެންކަމުން އެވާހަކައިގެ ވާހަކަ އަދި ސްކްރީން ޕްލޭ އަކީ ރިޝްމީގެ މިލްކެއް ކަމަށް އެ ކޯޓުން ކޮށްފައިވާ ހުކުމުގައިވާ ބުނެފައިވެ އެވެ.