15 Jul 2017, 13:15
ފުވައްމުލަކު ސިޓީން އުމުރުން 49 އަހަރުގެ ދިވެއްސެކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުވައްމުލަކު ދޫޑިގަން އަވަށުން ރޭ ގެއްލިގެން ރިޕޯޓްކޮށްފައި އެ ރަށު، އޮޅުތެރޭގޭ މުހައްމަދު ޝަފީއުއެވެ.
'ސަން' އާ ވާހަކަ ދައްކަމުން ޝަފީއުގެ އެއްބަނޑު ބޭބެ އަލީ ފަހީމް ބުނީ ޝަފީއުގެެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ރޭ 9:30 އެހާއިރު ކަމަށާއި އޭގެ ފަހުން ވީ ތަނެއް ނޭންގިގެން ފުލުހުންނަށް ރިޕޯޓްކޮށްގެން ހޯދަމުން އަންނަ ކަމަށެވެ.
ފަހީމް ބުނީ އަންހެނުންގެ ގެއިން ކައިގެން ޝަފީއުގެ ގެއަށް ދިއުމަށް ކަމަށް ބުނެ ބޭރަށް ނިކުތީ ރޭ 9:30 އެހާއިރު ކަމަށާއީ ނަމަވެސް ވޮލެޓާއި ފޯނު ބާއްވާފައި ނިކުތުމުން އޭނާގެ އަންހެނުން ޝަފީއުއަށް ގޮވުމުން މި އަންނަނީ ކަމަށް ބުނެފައި ދިޔައީ ކަމަށެވެ.
ފަހީމް ބުނީ ޝަފީއު މި ދުވަސްކޮޅު އުޅެމުންދިޔައީ ކުނޑަކޮށް ބަލިކޮށް ކަމަށެވެ.
ޝަފީއު ގެއްލުނުއިރު އޭނާ އެންމެ ފަހުން ލައިގެން ހުރީ ކަޅުކުލައިގެ ޖިންސަކާއި ނޫކުލައިގެ ޓީޝާޓެއް ކަމަށް ވެސް ފަހީމް ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ ފުވައްމުލަކުން 49 އަހަރުގެ ފިރިހެނަކު ގެއްލިގެން ރޭ 12:05 ގައި ރިޕޯޓްކޮށްފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސަތްކަތް ރައްޔިތުންނާ ފުލުހުން ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.