އެލިއާ އިންވެސްޓްމެންޓާއި މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ކޭމްޕް މިއަދު ފަށައިފި އެވެ.

މިދިޔަ އަހަރުވެސް ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވާފައިވާއިރު، އެލިއާ އާއި އެމްބީއެސް ގުޅިގެން އެ ހަރަކާތް ކުރިއަށް ގެންދާ މިއީ ތިންވަނަ ފަހަރެވެ.

މިދިޔަ އަހަރެކޭވެސް އެއްފަދައިން މިއަހަރުވެސް އެ ކޭމްޕް ބާއްވަނީ ނޭޝަނަލް އާޓް ގެލެރީގަ އެވެ. އެ ކޭމްޕަކީ ދުނިޔޭގެ ލޭ ހަދިޔާ ކުރާ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މިއަހަރުގެ ލޭ ހަދިޔާ ކުރާ ދުވަހުގެ ޝިއާރަކީ، "ކާރިސާއެއް ދިމާވުމުގެ ކުރިން މަޑު ނުކުރައްވާ، ކޮއްދެވޭނީ ކޮންކަމެއް، ލޭ ހަދިޔާ ކުރައްވާ، މިހާރު ލޭ ހަދިޔާ ކުރައްވާ، ގިނަގިނައިން ލޭ ހަދިޔާ ކުރައްވާ" މި އެވެ.

އެ ރަސްމިއްޔާތުގައި ވަނީ، މިދިޔަ އަހަރު އެންމެ ގިނައިން އަމިއްލައަށް އެދިގެން އެމްބީއެސްއަށް ލޭ ހަދިޔާ ކުރި ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، އެންސްޕާގެ ސީއީއޯ އިސްމާއިލް އައްޒާމް ވަޖީހް ވިދާޅުވީ، ލޭ ހަދިޔާ ކުރުމަކީ ވަކިމީހެއްގެ ކަމެއް ނޫން ކަމަށާއި، އެއީ ފަރުދީ ޒިންމާއެއް ކަމަށެވެ. އެހެން ނަމަވެސް ލޭ ދޭން ކެރެނީ ވަރަށް މަދު ބައެއް ކަމުގައި ފާހަގަ ކުރެއްވި އެވެ.

ލޭ ހަދިޔާ ކުރުމުގެ ކޭމްޕް ފެށުމުގެ ރަސްމިއްޔާތުގައި އެންސްޕާގެ ސީއީއޯ ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެލިއާގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ވިދާޅުވީ، އަލަަށް ލޭ ހަދިޔާ ކުރަން ގިނަ ބަޔަކު ބިރު ގަންނަކަން ފާހަގަ ކުރެވޭ ކަމަށާއި، އެކަމަށް ހައްލެއް ގެންނަން ޖެހޭ ކަމަށެވެ.

އެގޮތުން ލޭ ހަދިޔާ ނުކޮށްތިބި 25 އަހަރުން ދަށުގެ މީހުންނަށް އަމާޒުކޮށްގެން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމެއް ހިންގުމަކީ މުހިއްމު ކަމެއް ކަމުގައި ފާހަގަ ކުރެއްވި އެވެ.

އެލިއާ އިންވެސްޓްމެންޓާއި މޯލްޑިވްސް ބްލަޑް ސަރވިސަސްއާ ގުޅިގެން ކުރިއަށް ގެންދާ ލޭ ހަދިޔާ ކުރުމުގެ ކޭމްޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ ރަސްމިއްޔާތުގައި ވަނީ އެމްބީއެސްގެ ރަސްމީ ލޯގޯވެސް އިފްތިތާހްކޮށްފަ އެވެ. ލޯގޯ އިފްތިތާހް ކޮށް ދެއްވީ، އެންސްޕާގެ ސީއީއޯ އައްޒާމް އެވެ.

އެ ރަސްމިއްޔާތުގައި އެންސްޕާގެ ސީއީއޯވެސް ވަނީ ލޭ ހަދިޔާ ކުރައްވާފަ އެވެ.

އެމްބީއެސް އިން މިދިޔަ އަހަރު ލޭ ހަދިޔާ ކުރުމުގެ 39 ކޭމްޕެއް ބާއްވާފައިވާއިރު، މިއަހަރުގެ މިހާތަނަށް 23 ކޭމްޕެއް ވަނީ ބާއްވާފަ އެވެ.

ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 14 ވަނަ ދުވަހުގަ އެވެ.