15 Jul 2017, 12:19
މީގެ 45 އަހަރު ކުރިން އިނގިރޭސި ރާނީ، އެލިޒަބަތު ދޭއް ރާއްޖެ ވަޑައިގަތްއިރު އެކަމަނާ ދަތުރުކުރެއްވި ކާރުކޮޅު، ލިލީމަގުގައި ހުންނަ މުލިއާގޭ ގަރާޖް ގައިބާސަތަރިއެއްއަޅައި ބާއްވާފައި އޮންނަތާ އެތައް ޒަމާނެއްވެފައި ވަނިކޮށް އުފާވެރި ހަބަރެއް މިވަނީ ލިބިފައެވެ.
އެތާރީޚީ ކާރު ވަނީ 2015 ވަނަ އަހަރު ސަރުކާރުން ނީލަން ކިޔަފާފައެވެ. އެކާރު ނީލަމުން 170000 ރުފިޔާއަށް ގަތީ މިނިވަންމުއައްސަސާއެއްގެ މެމްބަރެކެވެ. އެއަށްފަހު އޭނާ އެކާރު ނުގެންގޮސް އޮތީ އެގަރާޖުގައި ބާއްވާފައެވެ. އަދި މިހާރު އޭނާވަނީ އެހެން ދިވެއްސަކަށް އެކާރު ވިއްކާލާފައެވެ.

ރާނީ ދުއްވި ކާރުކޮޅު ކުރިން މުލިއާގޭ ގަރާޖުގައި ބާއްވާފައި-- ސަން ފައިލް ފޮޓޯ
ކާރުގަތީ ބުރިޖުގައި ދުއްވަން: ވެރިފަރާތް
އެކާރު މިފަހަރު ގަތީ ކާރު ރޭސްޖެހުމުގައި ހަރަކާތްތެރިވާ މާލޭ މީހެކެވެ. އޭނާގެ ވަނަވަރު ހާމަ ނުކުރަން އޭނާ އެދެއެވެ. އޭނާ ސަންއަށް މައުލޫމާތުދެމުން ބުނީ އެކާރު އޭނާގަތީ އެއީ ތާރީޚީ ކާރަކަށްވުމުން އަލުން ހަދައި އެކާރު ހުޅުލެއާއި މާލެ އާއި ދޭތެރޭ އަޅާ ބުރިޖުގައި ދުއްވުމުގެ ބޭނުމުގައި ކަމަށެވެ.
"އަޅުގަނޑު ބޭނުމީ 2018 ގައި ބުރިޖު ހުޅުވުމުން މިކާރު ބުރިޖު މަތީގައި ދުއްވަން، އެހެންވެ ހަދަން މިއުޅެނީ، ހަދާފަ ބުރިޖު މަތީ ދުއްވާނީ" އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި އެކާރު އެހާބޮޑަށް މަރާމާތު ކުރާކަށް ނުޖެހެއެވެ. އިންޖީނުގައިވެސް މައްސަލަތަކެއް ނޫޅެއެވެ. މިހާރުވެސް ދުއްވެއެވެ. ގެންނަންޖެހެނީ ކުލަ އާކޮށްލުންފަދަ ކުޑަ ބަދަލުތަކެކެވެ.
"ދުވަސްވީމަ އިންޓީރިއާ ބަދަލުކޮށްލަން ޖެހެނީ، އަނެއްހެން މާބޮޑު މައްސަލަތަކެއް ނޫޅޭ،" އޭނާ ބުންޏެވެ.
އެކާރު މިހާރު މާލޭ ގަރާޖެއްގައި ބާއްވާފައިއޮތްއިރު އޭނާ ނިންމައިގެން ހުރީ އެކާރު އައްޑޫއަށް ގެންގޮސް މަރާމާތުކޮށްގެން ގެނައުމަށެވެ. އެއީ އެކާރު ބޮޑުވުމުން މާލޭގެ ގަރާޖެއްގައި ބާއްވައިގެން މަރާމާތު ކުރުމަކީ އުނދަގޫ ކަމަކަށް ވުމުންނެވެ.
އެއީ އިބްރާހިމް ނާސިރު ގެންގުޅުއްވި ކާރެއް
އެކާރަކީ އޭރުގެ ރައީސް އިބްރާހިމް ނާސިރު ގެންގުޅުއްވި ކާރެކެވެ. އެއީ ދިވެހި ދައުލަތުގެ ނިޝާން ޖެހި ދައުލަތުގެ ކާރެކެވެ. ރާނީ އެކާރުގައި ދަތުރުކުރެއްވީ 1972 ވަނަ އަހަރު މާލެ ވަޑައިގެން އެއްތަނުން އަނެއްތަނަށް ދިއުމަށެވެ.
އެއީ ކޮންކަހަލަ ކާރެއް!
އެކާރަކީ އެމެރިކާގެ ބުރޭންޑެއް ކަމަށްވާ "ޝެވްރޮލޭ" ބުރޭންޑުގެ ކާރެކެވެ. އެއީ އެ ބުރޭންޑް ސީރީޒްގެ ފަސް ވަނަ ޖެނެރޭޝަންގެ ކާރެކެވެ. ހަތަރު ދޮރުފަތް ހުންނަ އެޝާހީ ކާރުގެ ކުލައަކީ ކުރީމް ކުލައެވެ.

ކާރު އުފެއްދި ކުންފުނި: އެމެރިކާގެ މެނުފެކްޗަރާ ޖެނެރަލް މޮޓޯސްގެ އޮޓޯމޮބައިލް ޑިވިޝަނެއް ކަމަށްވާ ކާރުގެ
މޮޑެލް އުފެއްދި އަހަރު: 1966 ވަނަ އަހަރު
މޮޑެލް އުފެއްދުން ހުއްޓާލުމާ ހަމައަށް ކާރުގެ 38000 ކާރު ވިކިފައިވޭ
ކާރު އުފެއްދި ގައުމު: އެމެރިކާ
އިންޖީނުގެ ވައްތަރު: ސްޕާކް އިގްނިޝަން 4 ސުޓްރޯކް، 250 ކިއުބިކް އިންޗި، ހަ ސިލިންޑަރު
ރިއާ ވީލް ޑްރައިވް، މެނުއަލް ތިން ސްޕީޑް ގިއާބޮކްސް
އިންޖީނަށް އަޅާ ތެލުގެ ވައްތަރު: ޕެޓްރޯލް
ހޯސްޕަވަރު: 11.5 ކިލޯވޮޓް
ޕެޓްރޯލް އެޅޭ މިންވަރު: 76 ލިޓަރު
ކާރުގެ ދިގުމުން: ގާތްގަނޑަކަށް 5415 މިލިމީޓަރު/ 213.2 އިންޗި
ކާރުގެ ފުޅާމިން: ގާތްގަނޑަކަށް 2022 މިލިމީޓަރު/ 79.6 އިންޗި
އެންމެ ބާރަށް ދުވާ މިންވަރު: ގަޑިއިރެއްގެ ތެރޭގައި 156 ކިލޯމީޓަރު
އިބްރާހިމް ނާސިރު ފަދަ ދިވެހި ރާއްޖެއަށް މިނިވަން ކަން ގެނެސްދިން ބޭފުޅަކު އަދި އިނގިރޭސި ވިލާތުގެ ރާނީ ދަތުރުކުރެއްވި ކާރެއް ދަބަރަށްވެ ނެތި ދަނިކޮށް މިވަނީ ތާރީހީ ބުރިޖުގައި ދުއްވުމަށް ފައްކާކުރަން ފަށާފައެވެ.