ދިއްލީ (ޖުލައި 15): އިންޑިއާގެ ގަންގާ ކޯރު ތަޣައްޔަރުވުން ހުއްޓުވުމަށްޓަކައި އެކޯރުގެ ވަކި ސަރަހައްދަކަށް ކުނި އެޅުން އެގައުމުގެ ތިމާވެއްޓާ ބެހޭ އެންމެ މަތީ ކޯޓުން މަނާކޮށްފި އެވެ.

ނެޝަނަލް ގްރީން ޓްރައިބިއުނަލް (އެންޖީޓީ)ން ނިންމި ގޮތުގައި އުއްތަރަކަންދު ސްޓޭޓުގެ ހަރީދަވަރާއި އުއްތަރަ ޕްރަދޭޝްގެ އުންނާއޯ ދެމެދު އޮންނަ 500 ކިލޯމީޓަރުގެ ސަރަހައްދަށް ކުނި އެޅުމަކީ މަނާ ކަމެކެވެ. އެގޮތުން ގަންގާ ކޯރުގެ އެސަރަހައްދަށް ކުނި އެޅުމުން 50،000 ރުޕީސް (775 ޑޮލަރު)ން ޖޫރިމަނާ ކުރާނެ ކަމަށް ކޯޓުން ބުނެ އެވެ.

މީގެ އިތުރުން އެންޖީޓީން ވަނީ ގަންގާ ކޯރު ކައިރީގައި ހުންނަ އެތައް ސަތޭކަ ލެދާ އުފައްދާ ކާރުހާނަތައް އެހެން ތަނަކަށް ބަދަލު ކުރުމަށް ހަ ހަފްތާގެ މުހުލަތެއް ދީފަ އެވެ. ލެދާ އުފައްދާ ކާރުހާނާތަކުން ގަންގާ ކޯރަށް އަޅާ ކުނީގެ ސަބަބުން އެކޯރު އިތުރަށް ތަޣައްޔަރު ވުމަށް މަގުފަހިވެ އެވެ.

އިންޑިއާގެ ހިންދޫން ކަރާމާތްތެރި ތަނެއްގެ ގޮތުގައި ދެކޭ ގަންގާ ކޯރު ސާފު ކުރުމަށްޓަކައި ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެތައް ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ފައްޓަވާފަ އެވެ.

ނަމަވެސް އެކްޓިވިސްޓުން ބުނާ ގޮތުގައި ކޯރު ސާފު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ވަރަށް ލަސްލަހުންނެވެ. (ބީބީސީ)