15 Jul 2017, 08:46
ބޮލީވުޑްގެ ކޮރިއޯގްރާފަރު އަދި ޑައިރެކްޓަރު ރޭމޯ ޑިސޫޒާގެ ކުރިއަށް އޮތް ފިލްމުގައި ސުޕަސްޓާ ސަލްމާން ޚާން އާއެކު ލީޑު ރޯލުން ފެނިގެން ދާނީ ބަތަލާ ޖެކްލީން ފާނަންޑޭޒް ކަން ހާމަކޮށްފި އެވެ.
ފިލްމުގެ ބަތަލާ ހާމަކުރީ ސަލްމާން އެވެ. ސަލްމާން ވަނީ ފިލްމުގެ ލީޑުގެ އިތުރުން، ފިލްމުގެ ޕްލޮޓް ވެސް ހާމަކޮށްފަ އެވެ.
ޑީއެންއޭ އަށް ދިން އިންޓަވިއުއެއްގައި ސަލްމާން ބުނީ ރޭމޯގެ ފިލްމަށް ޖެކްލީން ހަމަޖައްސާފައިވާ ކަމަށާއި، ޖެކްލީން އަކީ ވަރަށް ކުޅަދާނަ ނެށުންތެރިއެއްގެ އިތުރުން އެކްޓަރެއް ކަމަށެވެ.
މީގެ ކުރިން 2014 ވަނަ އަހަރު ރިލީޒް ކުރި 'ކިކް' ގައި ވެސް ސަލްމާން އާއެކު ފެނިގެން ދިޔައީ ޖެކްލީން އެވެ. އެހެންކަމުން މިއީ މި ޖޯޑުގެ އިތުރު ފިލްމެއްގެ އިންތިޒާރުގައި ތިބި ގިނަ ބަޔަކަށް އުފާވެރި ޚަބަރަކަށް ވާނެ އެވެ.
ލޯބީގެ ރޯލުތަކާއި، އެކްޝަން ރޯލުތަކުން އާންމުގެ ލޯބި ހޯދި ސަލްމާން، ނެށުމަށް ޚާއްސަ ފިލްމެއް ކުޅޭ މިއީ ފުރަތަމަ ފަހަރެވެ. ފިލްމުގައި ސަލްމާން އަދާކުރާނީ ނުވަ އަހަރުގެ އަންހެން ކުއްޖެއްގެ ބައްޕައެއްގެ ރޯލެވެ.
ނެށުމުގެ ހުނަރު ދައްކާލާ ޝޯވ އެއްގައި ބައިވެރިވާން ސަލްމާން އެއްބަސް ވަނީ ދަރިފުޅުގެ އެދުމުގެ މަތިންނެވެ. ސަލްމާންގެ އަންހެނުން މަރުވުމުގެ ކުރިން ވަނީ ދަރިފުޅުގެ ކޮންމެ އެދުމެއް ފުއްދައިދިނުމަށް ސަލްމާނަށް ވަސިއްޔަތް ކޮށްފަ އެވެ. އެކަމުގައި ސަލްމާނަށް އެހީތެރި ވާނީ ޖެކްލީން އެވެ.
ފިލްމުގެ ޓީމުން މިހާރު ކުރަމުން އަންނަނީ ސަލްމާންގެ ދަރިފުޅުގެ ރޯލު އަދާކުރާނެ ކުއްޖަކު ހޯދުމުގެ މަސައްކަތެވެ.