15 Jul 2017, 09:39
އަންނަ އޯގަސްޓް މަހުގެ ދެވަނަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ނޯޓީ 40"ގެ އޮފިޝަލް ތިން ޓްރެއިލަރ އާއި ފިލްމުގެ ޕްރޮމޯޝަނަލް ޕޯސްޓަރުތައް ރަސްމީކޮށް ލޯންޗުކޮށްފިއެވެ.
ނޯޓީ ފޯޓީ ގެ ޓުރެއިލަރ އަދި ޕޯސްޓަރު ރިލީސްކުރުން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އެންވިޝަން އެންޓަޓެއިންމެންޓާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ، އަދި "އަހަރުގެ އެންމެ ބޮޑު ފިލްމު"ގެ ގޮތުގައި ޕްރޮމޯޓްކުރަމުންދާ "ނޯޓީ 40"ގެ އޮފިޝަލް ޓްރެއިލާއާއި އޮފިޝަލް ޕޯސްޓަރުތައް ލޯންޗުކޮށްފައި ވަނީ ރޭ އޮލިމްޕަހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ނޯޓީ40ގެ ބައެއް ތަރީންވެސް ބައިވެރިވެ ޝުއޫރު ފާޅުކުރިއެވެ.
ޓްރެއިލާތަކާއި ޕޯސްޓަރުތައް ލޯންޗުކުރި ހަފްލާއަށް ފަހު ވަނީ، ނޯޓީ 40ގެ ޕްރިމިއަރ ނައިޓް ޝޯގެ ޓިކެޓް ގަތް ފަރާތްތަކަށް ޚާއްސަކޮށްގެން، "ބައިވެރިޔާ"ގެ ޙާއްސަ ޝޯއެއް ދައްކައިފައެވެ.
ދިވެހި ފިލްމީ އިންޑަސްޓްރީގެ ނަން މަޝްހޫރު ގިނަ ފަރާތްތަކެއް އެއް ފިލްމަކުން ފެނިގެންދާ ނޯޓީ 40ގެ މެއިން ކެރެކްޓަރތައް އަދާކުރާ، ބައެއް ތަރިން ދެ އުމުރެއްގެ ދުވަސްތައް އެފިލްމުން ފެނިގެންދާނެއެވެ. އެގޮތުން ނިއުމާ މުހައްމަދު، އަހުމަދު ސައީދު، މުހައްމަދު މަނިކު، އަލީ ސީޒަން އަދި ޔޫއްޕެގެ 40 އަހަރުން މަތީގެ އުމުރުގެ މަންޒަރުތަކާއި ހަމަ އެ ތަރިންގެ 22-26 ދޭތޭރޭ މަންޒަރުތައް މި ފިލްމުން ފެނިގެންދާނެއެވެ.
އެ ހަފްލާގައި ވާހަކަދައްކަމުން، ފިލްމުގެ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގު ބުނީ، މިއީ ދިވެހި ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ކަމުދާނެ، "ހުރިހާ ރަހަތަކެއް އެކުލެވޭ ފިލްމެއް" ކަމަށެވެ.
ނޯޓީ ފޯޓީ ގެ ޓުރެއިލަރ އަދި ޕޯސްޓަރު ރިލީސްކުރުން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
"ދިވެހި ފިލްމު އިންޑަސްޓްރީގައި ހަރަކާތްތެރިވާ އެންމެ ސީނިއަރ ފަރާތްތައް ހިމެނޭގޮތަށް، އެންމެ ބޮޑު ކާސްޓެއް ފެނިގެންދާ މި ފިލްމު ހަމަ ހުރިހާ ފަރާތްތަކަށް ވެސް ވަރަށް ކަމުދާނެކަމުގެ ޔަގީންކަން އަޅުގަނޑުދެން،" ޝަފީގު ބުންޏެވެ.
އަށާރަ ތަރިންނާ އެކު އުފައްދާ މިފިލްމުގެ އޮފިޝަލް ތިން ޓްރެއިލަރ ލޯންޗުކޮށްފައި ވާއިރު، އެ ތިން ޓްރެއިލަރުން ފިލްމާ ގުޅޭ މުހިއްމު މައުލޫމާތުތަކެއް ފެނިގެންދެއެވެ. އެގޮތުން ފިލްމުގެ މުހިއްމަދު ބައެއް މަންޒަރުތަކާއި ޑައިލޮގްތަކާއި ބައެއް ލަވައިގެން ބައިތައްވެސް މި ޓްރެއިލާތަކުން ފެނިގެން ދެއެވެ.
ނޯޓީ ފޯޓީ ގެ ޓުރެއިލަރ އަދި ޕޯސްޓަރު ރިލީސްކުރުން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މުޅި ޖުމްލަ ހަ ލަވަ ހިމެނޭ، ކޮމެޑީގެ އިތުރުން ލޯތްބާއި، އުފަލާއި ހިތާމައާއި އަދި އެހެނިހެން ރަހަތައްވެސް ފެނިގެންދާ މި ފިލްމުގައި ފިލްމީ ދާއިރާގެ ތަޖުރިބާކާރު ތަރިންނާއި މުޅިން އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވާ ތަރިން ހިމެނޭއިރު، އޭގެ ތެރޭގައި ފާތިމަތު އާޒިފާ (އަޒޫ) އާއި އިބްރާހިމް ޖިހާދް (ޖިމީ) އަދި މުހައްމަދު ރިޝްފާން (ރިއްޕެ)ގެ އިތުރުން ލިއާއު އާދަމް (އެލްޖޭ) ފަދަ ތަރިން ހިމެނެއެވެ.
ނޯޓީ ފޯޓީ ގެ ޓުރެއިލަރ އަދި ޕޯސްޓަރު ރިލީސްކުރުން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ޖުމުލަ 15 ޝޯ ދެއްކުމަށް ހަމަޖެހިފައިވާ ނޯޓީ 40ގެ ޕްރިމިއަރ ނައިޓްގެ ޓިކެޓެއް 200 ރުފިޔާއަށް ވިކާފައިވާއިރު އެ ޝޯގެ ޓިކެޓް މިހާރު ވަނީ ގާތްގަނޑަކަށް ވިކި ހުސްވެފައެވެ. ބާކީ ޝޯތަކުގެ ޓިކެޓެއްގެ އަގަކީ 100 ރުފިޔާއެވެ. އެގޮތުން އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން ޓިކެޓް ވިއްކަމުންދާއިރު، ބުކިން ހަދަން ބޭނުންވާ ފަރާތްތަކަށް 7530055 ގުޅައިގެން އެކަން ކުރިއަށް ގެންދެވޭނެއެވެ.