15 Jul 2017, 01:37
ކްލަބު އެމްޓީސީސީއާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓާ ގުޅިގެން ބާއްވާ ސުޒުކީ ވިލި މުއައްސަސާ ކަޕް 'ގްރޫޕް ބީ'ގެ ފެށުން ސްޓެލްކޯއާއި ޓީމް ހައުސިން ރަނގަޅުކޮށްފިއެވެ.
ވިލިމާލޭ ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ސްޓެލްކޯއާއި މުހިއްދީން ސްކޫލެވެ. ވާދަވެރި ކުޅުމަކަށްފަހު 3-5 ލަނޑުގެ ނަތީޖާއަކުން އެ މެޗު ކާމިޔާބުކުރީ ސްޓެލްކޯއެވެ.

ވިލި މުއައްސަސާ ކަޕްގެ 'ގްރޫޕް ބީ'ގައި ސްޓެލްކޯއާއި މުހިއްދީން ސްކޫލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސްޓެލްކޯ މޮޅުވީ 5-3 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އެންޓޮމް
އެ މެޗުގައި ސްޓެލްކޯއިން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ހަސަން ނަސީރު ކާމިޔާބުކޮށްދިންއިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ޚަލީލެވެ. އެ މެޗުގައި މުހިއްދީން ސްކޫލްގެ ތިން ލަނޑު ވެސް ކާމިޔާބުކޮށްދިނީ ބަރާއު އަހްމަދު ޒާހިރެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސްޓެލްކޯއަށް ހަތަރު ލަނޑު ކާމިޔާބުކޮށްދިން ހަސަން ނަސީރެވެ.
ރޭ ކުޅުނު 'ގްރޫޕް ބީ'ގެ ދެވަނަ މެޗުގައި ބައްދަލުކުރީ ޓީމް ހައުސިންއާއި މޯލްޑިވް ގޭސްއެވެ. އެ މެޗު ފަސޭހަކަމާއެކު މޯލްޑިވް ގޭސްގެ މައްޗަށް ޓީމް ހައުސިން މޮޅުވެފައިވަނީ 8-1 ލަނޑުގެ ނަތީޖާއަކުންނެވެ.

ވިލި މުއައްސަސާ ކަޕްގެ 'ގްރޫޕް ބީ'ގައި ސްޓެލްކޯއާއި މުހިއްދީން ސްކޫލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސްޓެލްކޯ މޮޅުވީ 5-3 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އެންޓޮމް
އެ މެޗުގައި ހައުސިންއިން ކާމިޔާބުކުރި އަށް ލަނޑުގެ ތެރެއިން ހަތަރު ލަނޑު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު މުހައްމަދު މައުރޫފް ކާމިޔާބުކޮށްދިންއިރު، އަހްމަދު މައުސޫމް ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އަދި އަޖުވަދު މުހައްމަދާއި މުހައްމަދު އަފްޒަލް، މިއިން ކޮންމެ ކުޅުންތެރިޔަކު ހައުސިންއަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ. މެޗުގައި މޯލްޑިވް ގޭސްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ރަޝީދެވެ.
ވިލި މުއައްސަސާ ކަޕްގައި މިރޭ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. 'ގްރޫޕް އޭ'ގައި މާދަމާ ރޭ 8:15ގައި ޓީމް އެމްޓީސީސީއާ ދެކޮޅަށް ދިވެހި ސިފައިންގެ ކްލަބު ނުކުންނައިރު، 'ގްރޫޕް އޭ'ގައި މާދަމާ ރޭ 9:15ގައި ފުލުހުންނާ ދެކޮޅަށް ދިރާގު ނުކުންނާނެއެވެ. އަދި 'ގްރޫޕް ބީ'ގައި މާދަމާ ރޭ 10:15ގައި ސްޓެލްކޯއާ ދެކޮޅަށް މޯލްޑިވް ގޭސް ނުކުންނާނެއެވެ.

ވިލި މުއައްސަސާ ކަޕްގެ 'ގްރޫޕް ބީ'ގައި ހައުސިންއާއި މޯލްޑިވް ގޭސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ހައުސިން މޮޅުވީ 8-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އެންޓޮމް
އެ މުބާރާތުގައި ޖުމްލަ ނުވަ ޓީމެއް ވާދަކުރާއިރު، އެ ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފައެވެ. 'ގްރޫޕް އޭ'ގައި ހިމެނެނީ ޓީމް އެމްޓީސީސީއާއި، ޔޫތު މިނިސްޓްރީއާއި، ސިފައިންނާއި، ފުލުހުން އަދި ދިރާގެވެ. 'ގްރޫޕް ބީ'ގައި ހިމެނެނީ ސްޓެލްކޯއާއި، ޓީމް ހައުސިންއާއި، މޯލްޑިވް ގޭސް އަދި މުހިއްދީން ސްކޫލެވެ.
އެ މުބާރާތުގެ ވަނަވަނަތަކަށް ހޮވޭ ޓީމުތަކަށް ފައިސާގެ އިނާމެއް ކަނޑައަޅާފައިވެއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ.

ވިލި މުއައްސަސާ ކަޕްގެ 'ގްރޫޕް ބީ'ގައި ހައުސިންއާއި މޯލްޑިވް ގޭސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ހައުސިން މޮޅުވީ 8-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އެންޓޮމް
މިމަހުގެ 13އިން ފެށިގެން 22ގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީއެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ. މިއީ މިފަދަ މުބާރާތެއް ވިލިމާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.
ވިލި މުއައްސަސާ ކަޕްގެ މެއިން ސްޕޮންސަރަކީ ސުޒުކީއެވެ. އިވެންޓް ޕާޓްނަރުންނަކީ އޮފިޝަލް އިވެންޓްސްއެވެ. މުބާރާތުގެ ބެވަރޭޖް ޕާޓްނަރުންނަކީ ވިޓާއެވެ. އަދި މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރުންނަކީ ކްލަބު ގްރީން ސްޓްރީޓްސްގެ ވެސް ރަސްމީ ފޮޓޯގްރަފީ ޕާޓްނަރުން ކަމަށްވާ އެންޓޮމްއެވެ.