14 Jul 2017, 23:54
މާލޭ ލީގުގައި ކްލަބު ވެލެންސިއާ ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ގަދަ ހަތަރެއްގެ ފަހު ދެ ޖާގައަށް ވާދަކުރާ ޓީމުތަކަށް އިތުރު ޕްރެޝަރުތަކެއް ކުރިމަތި ކުރުވައިފިއެވެ.
ލީގުގެ ދެވަނަ ބުރުގައި މިރޭ ކުޅުނު މެޗުގައި ވެލެންސިއާގެ މައްޗަށް ވިކްޓަރީ ކުރި ހޯދީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.
އެ ނަތީޖާއާ ގުޅިގެން ތާވަލުގެ ފަސްވަނާގައި ވިކްޓަރީ އޮތީ 22 ޕޮއިންޓާއެކުއެވެ. ހަތަރުވަނާގައި އޮތް އީގަލްސްއަށް ވެސް 22 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ތިންވަނާގައި އޮތް ކްލަބު ގްރީން ސްޓްރީޓްސްއަށް 24 ޕޮއިންޓް ލިބިފައިވާއިރު، ހަވަނާގައި އޮތް ޓީސީއަށް ލިބިފައިވަނީ 19 ޕޮއިންޓެވެ. ލީގުގެ ފަހު މެޗަށް ނުކުންނައިރު، އެ ތިން ޓީމަށް ވެސް ގަދަ ހަތަރެއްގެ ފަހު ދެ ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ.
މިރޭ ކުޅުނު މެޗުގެ ހަވަނަ މިނެޓުގައި ވިކްޓަރީން ވަނީ ލަނޑެއްޖަހާ ލީޑު ހޯދައިފައެވެ. އެ ލަނޑު ވިކްޓަރީއަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ މުހައްމަދު ސެޑިކްއެވެ. އެ ލަނޑަށްފަހު ވެލެންސިއާގެ އައްޒާމް އަބްދުﷲ އަށް ނަތީޖާ ހަމަހަމަކޮށްލުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ، ވިކްޓަރީގެ ސީރިއާ ކީޕަރު މުހްމަދޫ އަލް ޔޫސުފް ވަނީ މަތަކޮށްފައެވެ.
މެޗުގެ 24 ވަނަ މިނެޓުގައި ވިކްޓަރީން ވަނީ އިތުރު ލަނޑެއްޖަހާ ލީޑު ފުޅާކޮށްފައެވެ. ސެޑިކް ދިން ބޯޅައަކުން ވިކްޓަރީއަށް ލީޑު ފުޅާކޮށްދިނީ ކެރިޗް އަންދްރޭޖްއެވެ. ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅަ ލިބުނުއިރު ސެޑިކް ހުރީ ވަރަށް ހުސްކޮށެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ވިކްޓަރީއަށް ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ދެވަނަ ހާފު ފެށިތާ ތިން މިނެޓް ފަހުން ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު ކެރިޗް ދިން ބޯޅައަކުން ވިކްޓަރީގެ ހަސަން އަދުހަމް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް ދިޔައިރު، މެޗުގެ 58 ވަނަ މިނެޓުގައި ރިސްވާން ދިން ބޯޅައަކުން ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަދުހަމް ފޮނުވާލި ހަމަލާ ކީޕަރު ފައިސަލް ވަނީ މަތަކޮށްފައެވެ.
ލީގުގައި ވިކްޓަރީ ކުޅޭ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހުގެ ރޭ ނުކުންނަން ޖެހޭނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެ މެޗަށްފަހު އަންނަ ބުދަ ދުވަހުގެ ހަވީރު ގްރީނާއި އީގަލްސް ބައްދަލުކުރާނެއެވެ. ގަދަ ހަތަރެއްގެ ފަހު ދެ ޖާގަ ކަށަވަރުކުރާ ދެ ޓީމެއް އެނގިގެންދާނީ އެ މެޗުތަކަށްފަހުއެވެ.