15 Jul 2017, 08:39
ސަން ސިޔާމް ގްރޫޕުގެ އިތުރު ހަތަރު ރިސޯޓު ހެދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ޗެއާމަން، އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސަން އަކުވާ ވިލުރީފް ރިސޯޓުގައި މިދިޔަ ހަފްތާގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ގާލާ ހަފްލާއަށްފަހު "ސަން" އަށް ދެއްވި އިންޓަވިއު އެއްގައި ސިޔާމް ވިދާޅުވީ އެކުންފުނީގެ ޕައިޕްލައިންގައި ހިމަނައިގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ ހަތަރު ރިސޯޓު ހެދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ރިސޯޓުތައް އަންނަ އަހަރު ހުޅުވޭ އިރު ބައެއް ރިސޯޓުތައް 2019 ވަނަ އަހަރުގެ ތެރޭގައި ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޕައިޕްލައިންގަ ރާއްޖޭގަ ތިން ޕްރޮޕަޓީއެއް ކޮންސްޓްރަކްޓު ކުރަމުން ދަނީ. އެއާ އެކު ސިލޯނުގަ އިތުރު ރިސޯޓެއް ހެދުމުގެ މަސައްކަތްވެސް ފަށައިގެން މިދަނީ،" ސިޔާމް ވިދާޅުވިއެވެ.
އެކުންފުނިން ރާއްޖޭގައި ހުޅުވާ ތިން ރިސޯޓަކީ ދ.ފާންދޫ އާއި ދ.އަލުވިފުއްޓާއި ނ.ދިގުރަށެވެ.
އެ ތިން ރިސޯޓުގެ ތެރެއިން ސަން އަކުއާ ފާންދޫ މިއަހަރުގެ ޑިސެމްބަރު މަސްތެރޭ ހުޅުވޭ ވަރުވާނެ އެވެ. ސަން ސިޔާމް އަލުވިފުށި އަންނަ އަހަރުގެ މޭ މަސް ތެރޭ ހުޅުވޭނެ ކަމަށް ލަފާ ކުރެވޭ އިތު ސަން ސިޔާމް ދިގުރަށް ހުޅުވޭނީ އަންނަ އަހަރުގެ ޖޫން މަސް ތެރޭގައެވެ.
އިތުރު ތިން ރިސޯޓެއް ރާއްޖޭގައި ހުޅުވުމަށް ސަން ސިޔާމް ގްރޫޕުން މަސައްކަތް ފަށާފައިވާއިރު ސިޔާމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަލަށް ހުޅުވިގެންދާ ރިސޯޓުތަކުގެ އަދަދު އިތުރުވެގެން ދިއުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު އެ ސިނާއަތަށް ކޮށްފާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ ރިސޯޓުތަކުގެ އޮކިއުޕެންސީ 50 ޕަސެންޓަށް ދަށް ވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެ ރިސޯޓުތައް ހުޅުވައި ރަނގަޅަށް މާކެޓު ކުރެވިއްޖެ ނަމަ ގޮންޖެހުންތައް ހުއްޓަސް އޭގެ ފައިދާ ރާއްޖޭގެ އިގްތިސާދަށް ކުރާނެ ކަމަށް ސިޔާމް ވިދާޅުވި އެވެ. އަދި އެ ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.