މާލޭ ލީގުގައި ބޮޑު ތަފާތަކުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން ގަދަ ހަތަރެއްގެ ވާދަވެރިކަން ބޮޑުކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މާލޭ ލީގުގެ ދެވަނަ ބުރުގެ މެޗުގައި ޔޫވީގެ މައްޗަށް ޓީސީން ކުރި ހޯދީ 6-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ ނަތީޖާއާއެކު ޓީސީ ވަނީ ކުޅުނު 13 މެޗުން ލިބުނު 19 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައަށް ޖެހިލައިފައެވެ. ތާވަލުގެ ހަވަނާގައި އޮތް ވިކްޓަރީއަށް ވެސް 19 ޕޮއިންޓް ލިބިފައިވާއިރު، ޓީސީ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ވިކްޓަރީން ކުޅެފައިވަނީ 12 މެޗެވެ.

ތާވަލުގެ ހަތަރުވަނާގައި އޮތް ކްލަބު އީގަލްސްއަށް 22 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނާގައި އޮތް ގްރީން ސްޓްރީޓްސްއަށް ލިބިފައިވަނީ 24 ޕޮއިންޓެވެ. ޓީސީ ގަދަ ހަތަރެއްގެ ޖާގައެއް ބޭނުންވާނަމަ ފަހު މެޗުން މޮޅުވެ، އީގަލްސްއާއި ގްރީން ބައްދަލުކުރާ މެޗުގެ ނަތީޖާއަށް އިންތިޒާރުކުރަން ޖެހޭނެއެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޓީސީން ދެ ލަނޑު ކާމިޔާބުކުރިއެވެ. ޓީސީއަށް އެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ މުހައްމަދު ސާމިރެވެ. އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑާއި ދެވަނަ ލަނޑު ވެސް ކާމިޔާބުކުރީ ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ހަމަލާތަކަކުންނެވެ.

މެޗުގެ 53 ވަނަ މިނެޓުގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ދިން ބޯޅައަކުން ސްޓެވާޓް ކޯނެލިއަސް ޓީސީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، މެޗުގެ 69 ވަނަ މިނެޓުގައި ޔޫވީގެ ކީޕަރު އަމިރޯވް ރުސްލާން ކައިރިން ނައްޓާލުމަށްފަހު ޓީސީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ތިންވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ކޯނެލިއަސްއެވެ.

މެޗުގެ 82 ވަނަ މިނެޓުގައި ރީބައުންސް ބޯޅައަކުން ޓީސީގެ ފަސްވަނަ ލަނޑު ފޭދޫ އިއްބެ ކާމިޔާބުކޮށްދިންއިރު، ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުން ޓީސީގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އައްޒާމެވެ.

މާލޭ ލީގުގައި ޓީސީ ކުޅޭ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހު ނުކުންނަން ޖެހޭނީ ވިކްޓަރީއާ ދެކޮޅަށެވެ. ލީގުގައި މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިކްޓަރީއާއި ކްލަބު ވެލެންސިއާއެވެ.