14 Jul 2017, 18:18
އަންނަން އޮތް ޖީލުގެ ލީޑަރުން އުފެއްދުމަށް އަދުގެ ޒުވާނުން ތަރައްގީކޮށް ބާރުވެރި ކުރުވުމަށް ޒުވާނުންނާއި އަންހެނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާ އިން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތިން ވަނަ ކޭމްޕު ލަންކާގައި ފަށައިފިއެވެ.
"ދަ މިލޭނިއަމް ޔޫތް އެމްބެސެޑާސް ކޯޗިން ކޭމްޕް (އެމްއޭސީސީ)"ގެ ނަމުގައި ލަންކާގައި ހުންނަ ކޮލަމްބޯ ލީޑާޝިޕް އެކެޑަމީ (ސީއެލްއޭ)އާ ގުޅިގެން ލަންކާގައި އެ ޕްރޮގްރާމް ފެށީ އިއްޔެއެވެ.
އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ކޭމްޕުގައި މެލޭނިއަމް ޔޫތް އެމްބެސެޑަރުންގެ ގޮތުގައި 10 ޒުވާނަކާއި ނޮމިނޭޓްވި ހަތަރު ޒުވާނަކު ބައިވެރިވެއެވެ.
އެ ޒުވާނުން ހޮވާފައިވަނީ، އޮޅުވެލި ބީޗް އެންޑް ސްޕާ މޯލްޑިވްސްގައި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ބޭއްވި ދެވަނަ މިލޭނިއަމް ޔޫތް ލީޑާސް ކޭމްޕުގައި ބައިވެރިވި 30 ޒުވާނުންގެ ތެރެއިންނެވެ.
ލަންކާގައި ކުރިއަށްދާ ކޭމްޕުގެ ޝަރަފްވެރި މެހްމާނަކީ ރާއްޖޭގެ ތައުލީމަށް އަގުހުރި މަސަކައްޕުޅުތަކެއް ކުރައްވާފައިވާ އަދި މިހާރު ދިވެހިރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ޒާހިޔާ ޒަރީރެވެ.
ރަފީ ޖަމިއްޔާ އިން ބުނީ، ކޭމްޕުގައި ބައިވެރިވާ ޒުވާނުންނަށް މައުލޫމާތު ހިއްސާ ކުރާނީ މޯޓިވޭޝަނަލް އަދި ޓްރެއިނިންގެ ދާއިރާއިން 20 އަހަރުގެ ތަޖުރިބާ ލިބިފައިވާ އަދި އެތައް އެވޯޑް ހާސިލް ކޮށްފައިވާ ރާއްޖެއާއި ލަންކާގެ މަޝްހޫރު ލެކްޗަރާއިން ކަމަށެވެ.
އެގޮތުން، ކޮލަމްބޯ ލީޑާޝިޕް އެކެޑަމީގެ ސީއީއޯ އަދި މާސްޓާ ޓްރެއިނަރު މުހައްމަދު ފިރުދޯޒް ރިއާޒް ހަސަން އާއި ރާއްޖޭގެ މަޝްހޫރު ވާހަކަދެއްކުންތެރިޔާ އަދި ޓީވީ ޕްރެޒެންޓަރު މަސްއޫދު އަލީ ހިމެނިވަޑައިގަންނަވައެވެ.
އޭގެ އިތުުރުން ކޯޕަރޭޓް ލީޑަރު، މެނޭޖްމަންޓް ކޮންސަލްޓަންޓް އަދި މޯޓިވޭޝަނަލް ސްޕީކަރެއް ކަމަށްވާ ރިޝާޑް ހުސެއިން އާއި ސްރީލަންކާގެ ސޭލަން ބޭންކުގެ ޗީފް މެނޭޖަރު ދިނޭޝް ޖެބަމިނީ އަދި ގޮންޖެހުންތަކާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ލަންކާގައި ގާއިމްކުރި ފުރަތަމަ އަދި ހަމައެކަނި ކުންފުނި، އިނޮވޭޝަން ކުއޯޓިއެންޓްގެ ސީއީއޯ އަހުމަދު އިރުފާން ވެސް ބައެއް ސެޝަންތައް ނަންގަވައިދެއްވާނެއެވެ.
ރަފީ ޖަމިއްޔާއިން ހިންގާ މިލޭނިއަމް ޔޫތް އެމްބެސެޑާސް ޕްރޮގްރާމްގެ ޓައިޓަލް ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސް އެވެ.
ގޯލްޑް ސްޕޮންސަރަކީ އެސްޓީއޯއެވެ. އަދި ސިލްވާ ސްޕޮންސަރުންގެ ގޮތުގައި އެޑްވައިޒަރީ ފާމެއް ކަމަށްވާ އެޑޮކްސީ އަދި ހެޕީ މާކެޓް ހަމަޖައްސާފައިވާއިރު، ބްރޯންޒް ސްޕޮންސަރަކީ މޯލްޑިވްސް ޕޯޓްސް އެވެ.
ކޭމްޕުގެ ބެވްރޭޖް ޕާޓްނަރަކީ ކޮކާކޯލާއެވެ. އަދި ޓްރެވަލް ޕާޓްނަރަކަށް ސްރީލަންކަން އެއާލައިންސް ހަމަޖައްސާފައިވާއިރު، މުޅި ކޭމްޕުގެ މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.
ިކުރު މުއްދަތެއްގެ ތެރޭގައި ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާ ރަފީ ޖަމިއްޔާ އިން ވަނީ އެ ޖަމިއްޔާގެ މިލޭނިއަމް ޔޫތް އެމްބެސެޑާސް ޕްރޮގްރާމްގެ ތެރެއިން މިދިޔަ އަހަރު އެކަނިވެސް 225 ޒުވާނުން ތަމްރީން ކޮށްފައިވެއެވެ.