މިރޭ ބޭއްވުމަށް ތާވަލުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ޝަރީއަތް ކެންސަލްކޮށް، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ ޝަރީއަތް އަންނަ ހޯމަ ދުވަހަށް ތާވަލް ކޮށްފިއެވެ.

ގާސިމްގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން ބާއްވާ އިބްތިދާއީ އަޑުއެހުން މިރެއަށް ތާވަލު ކުރިކަން ގާސިމަށް އަންގާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

މިއަދު އެ އަޑުއެހުން ކެންސަލް ކުރި ނަމަވެސް ކެންސަލް ކުރި ސަބަބެއް އަދި ނޭނގެ އެވެ.

ގާސިމްގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށުގެ ދައުވާ އާއި ވޯޓުދޭން ހުރި މީހަކަށް ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވަށް އުޅުމުގެ ކުށުގެ ދައުވާ އާއި ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުގެ ދައުވާ އެވެ.

ފާރިސް މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބޭއްވުމަށް ފުރަތަމަ ތާވަލު ކުރީވެސް އަންނަ ހޯމަ ދުވަހަށެވެ. ނަމަވެސް އިއްޔެއަށް އެޝަރީއަތް ބާއްވައި ކުރިއަށް ގެންދަން އުޅުމުން ފާރިސްގެ ފަރާތުން ވަނީ އެޝަރީއަތް އަންނަ ހޯމައަށް ފަސްކޮށްދިނުމަށް އެދިފައެވެ. އެގޮތަށް އެދުމުން ގާޒީ ނިންމީ އެޝަރީއަތް އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށެވެ.

ނަމަވެސް މިއަދު އަނެއްކާވެސް މިވަނީ ފާރިސްގެ ޝަރީއަތް އަންނަ ހޯމަ ދުވަހު ބާއްވަން ނިންމައި އެކަން ފާރިސްއަށް އަންގާފައެވެ.

ފާރިސްގެ މައްޗަށް ޝަޚްސު އޮޅުވާލުމުގެ ދައުވާ އުފުލާފައި ވަނީ ގަވާއިދާ ޚިލާފަށް ޕީޕީއެމްގެ ދިދަ ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.

އެ ދައުވާ ފާރިސްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން އެންމެ ބޮޑު އަދަބަކަށް އޭނާގެ މައްޗަށް އަންނާނީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި އެއަށްވުރެ ބޮޑު ނުވަތަ ކުޑަ އަދަބެއް އައުމުގެ ފުރުސަތުވެސް އޮންނާނެ އެވެ.

އެ މައްސަލައިގައި އިއްޔެ ބާއްވަން އުޅުނު އިބްތިދާއީ އަޑުއެހުން ފެށުމުގެ ކުރިން ފާރިސްގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލު މައުމޫން ހަމީދުވަނީ އަޑުއެހުން ކުއްލިގޮތަކަށް އަވަސް ކުރުމާ ގުޅިގެން އެކަމާ ސުވާލު އުފައްދާފަ އެވެ. އަދި ވަކާލާތު ކުރަން ތައްޔާރުވަމުންދަނީ 17 ވަނަ ދުވަހަށް ކަމަށްބުނެ އެ ދުވަހަށް އަޑުއެހުން ފަސްކޮށްދިނުމަށް ޝަރީއަތުގައި އެދިލެއްވި އެވެ.

ގާސިމްގެ މައްޗަށް އުފުލާފައިވާ އެ ދައުވާތަކަކީ މީގެ ކުރިންވެސް އުފުލި ދައުވާތަކެެކެވެ. އެ ދައުވާތަކާ ގުޅިގެން ކުރިމިނަލް ކޯޓުގައި ފަސް އަޑުއެހުމެއް ބާއްވާފައިވާއިރު، އެންމެ ފަހުން ބޭއްވި އަޑުއެހުމަށް ޕީޖީ އޮފީހުގެ ވަކީލުން ހާޒިރު ނުވުމުން އެ މައްސަލަވަނީ ކޯޓުން ބޭރުކޮށްލާފަ އެވެ.

އެ މައްސަލަ ކޯޓުން ބޭރުކޮށްލި ދުވަސް ނޫން އަނެއް ދުވަހު ވަނީ އަލުން އެ މައްސަލަ ޕީޖީ އޮފީހުން ކުރިމިނަލް ކޯޓަށް ފޮނުވާފަ އެވެ.

ގާސިމްގެ މައްޗަށް އެ ދައުވާތައް އުފުލާފައިވަނީ، މިއަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު ނެގުމަށް ކުރިން ހަމަޖެހުނު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅުވައިގެން އޭގެ އެއްދުވަސް ކުރިން ޖުމްހުރީ ޕާޓީގެ އިދާރާ މާފަންނު ކުނޫޒުގައި ގާސިމް ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.