14 Jul 2017, 15:16
ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ 10 ފަރާތެއްގެ އަގު ވަޒަންކޮށް، މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޕީޕަލްސް އެޑިޝަނުގައި އަހަރުގެ ޝަޚުސިއްޔަތުގެ އެވޯޑު ދީފިއެވެ.
އަދާރަން ސިލެކްޓް ހުދުރަންފުށީގައި ރޭ ވަނީ މިކަމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ބާޢްވައިފައެވެ. ރޭ އެވޯޑު ހާސިލުކުރި ފަރާތްތަކުގެ ތެރޭގައި ޓޫރިޒަމްގެ ދާއިރާގައި އެކި ރޮނގު ރޮނގުން ފާހަގަކޮށްލެވޭ ފަރާތްތައް ހިމެނެއެވެ.
އޭގެ ތެރޭގައި ދިވެހީންނާއި، ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ ބައެއް ފަރާތްތައްވެސް ހިމެނެއެވެ.
13 ޖުލައި 2017: މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޕީޕަލްސް އެޑިޝަން: އަދާރަން ހުދުރަންފުށީގައި ކުރިޔަށް ގެންދިޔަ ހަފްލާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކުރެވޭ 10 ފަރާތަކަށް ޕާސަން އޮފް ދަ އިޔާ އެވޯޑު ދީފައިވޭ --- ސަން ފޮޓޯ/ ޔާމިން ސައީދު
އެވޯޑު ހާސިލުކުރި ފަރާތްތަކަކީ
ޓާކިޝް އެއާލައިންސްގައި ސޭލްސް ރެޕެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އައިމިނަތު މަމްޝޫގާ
- ކެޕިޓަލް ޓްރެވަލްސް އެންޑް ޓޫއާޒްގެ ސީއީއޯ ޔޫސުފް ރިއްފަތު
- މަޝްހޫރު ޑައިވިންގް އިންސްޓްރަކްޓަރު ހުސައިން ރަޝީދު (ސެންޑީ)
- ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ ޑިރެކްޓަރ އޮފް ފައިނޭންސް، ރާސާ ސަންގެރަން
- ޕެރެޑައިޒް އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް
- މޫކައި ހޮޓެލްސް އެންޑް މޫކައި ސުއީޓްސްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް އަލީ (ޑޮން)
- މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުލްރަޝީދު އަލީ (އަބްސީ)
- ވިލާ ހޮޓެލްސްގެ ޑިރެކްޓަރ އޮފް މާކެޓިންގް އެންޑް ސޭލްސް އަލީ ރަޝީދު
- ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުގެ ޖެނެރަލް މެނޭޖަރު ރެނާޓޯ ޝިޒޯލާ
- ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ޑީން ޒީނާޒް ހުސައިން
13 ޖުލައި 2017: މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޕީޕަލްސް އެޑިޝަން: އަދާރަން ހުދުރަންފުށީގައި ކުރިޔަށް ގެންދިޔަ ހަފްލާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކުރެވޭ 10 ފަރާތަކަށް ޕާސަން އޮފް ދަ އިޔާ އެވޯޑު ދީފައިވޭ --- ސަން ފޮޓޯ/ ޔާމިން ސައީދު
ހުދުރަންފުށި ރިސޯޓުގައި ރޭ އޮތް ރަސްމިއްޔާތުގައި، މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ރިޔާޒް ވިދާޅުވީ، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ޝަޚުސިއްޔަތުތަކެއް ފާހަގަކުރުމުގެ ބޭނުމަކީ އެފަރާތްތަކުގެ އަގު ވަޒަންކޮށް، އެ ޚިދުމަތްތެރީންގެ ވާހަކަތަކުން އެހެން މީހުންނަށް ހިތްވަރު ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.
އަދި ރޭ އެވޯޑު ލިބުނު ހުރިހާ ފަރާތްތަކަކީ މަޓާޓޯއާއި ރާއްޖޭގެ ފަތުރުވެރިކަމުގެ އެމްބެސެޑަރުން ކަމަށާއި، އެފަރާތްތައް މަޓާޓޯއާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން މިހާރަށް ވުރެވެސް ބޮޑަށް ޕްރޮމޯޓު ކުރުމުގައި ބައިވެރިވެދިނުމަށް ގިޔާސް އެދިވަޑައިގެންނެވިއެވެ.