އަތޮޅުތެރޭގައި ވޮލީބޯޅަ ކުރިއެރުވުމަށް ވޮލީބޯޅަ އެސޯސިއޭޝަނުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަަމަށާއި ނަމަވެސް އެކަން ކުރެވޭނީ މިހާރު ހުރި ގޮންޖެހުންތަކަށް އަވަސް ހައްލެއް ލިބި ރާއްޖޭގެ ވިޔަފާރި ވެރިންގެ އެހީވެސް ލިބިގެން ކަމަށް ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

މިހާރު ފުވައްމުލައް ސިޓީގައި ކުރިއަށްދާ 26 ވަނަ ވޮލީ ބޯޅަ އެސޯސިއޭޝަން އަންހެނުންގެ މުބާރާތާ ގުޅޭ ގޮތުން ވާހަަކަ ދައްކަމުން ލަތީފް ވިދާޅުވީ ގިނަ ބައެއްގެ ސަޕޯޓް އެ މުބާރަތަށް ލިބެމުންދާ ކަަމަށާއި އެކަމާ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

ލަތީފް ވިދާޅުވީ އެސޯސިއޭޝަން ކަޕް އަތޮޅު ތެރެއަށް ބަދަލުކުރަން ޖެހުނީވެސް ވޮލީގެ ހަގީގީ ފޯރި އޮތީ އަތޮޅު ތެރޭގައި ކަަމަށްވާތީއާ، އެސޯސިއޭޝަނުން އަތޮޅު ތެރޭގައި ވޮލީ ކުރިއެރުވުމަށް ދޭ އަހަންމިއްޔަތުގެ ބޮޑު ކަމުން ކަމަށެވެ.

އޭނާ ވިދާޅުވީ އެސޯސިއޭޝަނުން ބޮޑެތި ހަަރަދު ތަކެއް ކޮށްގެން މުބާރާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާ ކުރާއިރު އެ މުބާރާތަށް އެންމެ އެކަށިގެންވާ އަދަދަށް ސްޕޯންސަރުން ނުލިބުމަކީ މުބާރާތް އެންމެ ފުޅާދާއިރާއެއްގައި ކުރިއަށް ގެންދިޔުމަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ލަތީފް ވިދާޅުވީ ވޮލީ އަކީ ރާއްޖޭގެ އެންމެ ގިނަ އަދަދެއްގެ ބަޔަކު ކުޅޭ އެއް ކުޅިވަރަށް ވާއިރު އެ ކުޅިިވަރު ކުރިއަރުވަން ވޮލީބޯޅަ އެސޯސިއޭޝަނުން ކުރާ މަސައްކަތުގައި ފުރިހަމަ އެހީތެރިކަމެއް ދިނުމަށް ހުރިހާ ފަރާތެއްގެ ކިބައިން އެދޭކަމަށެވެ.

މި އަހަރުގެ ވޮލީ އެސޯސިއޭޝަން ކަޕް މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާއިރު އެ މުބާރަތުގައި 6 ޓީމެއް ވަނީ ބައިވެރިވެފައެވެ.