14 Jul 2017, 02:02
މިހާރު ކުރިއަށްދާ 26 ވަނަ ވޮލީބޯޅަ އެސޯސިއޭޝަންގެ އަންހެނުންގެ މުބާރާތުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުން ފްރެންޑްސް ކްލަބް ފުނާޑު މޮޅުވިއިރު ދެވަނަ މެޗުން މިސްކިތްމަގު އެންމެންގެ ގުޅުން މޮޅުވެއްޖެއެވެ.
ފުވައްމުލައް ސިޓީގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ކުޅުނު ފުަރަތަމަ މެޗުގައި ފްރެންޑްސް ކްލަބް ފުނާޑު ވާދަކުރީ ވިލިގިލި ޒުވާނުންގެ ޖަމިއްޔާއެވެ. އެ މެޗު ފުނާޑުން ގެންދިޔައީ ސީދާ ތިން ސެޓުންނެވެ.
ފުރަތަމަ މެޗު އެ ޓީމުން ގެންދިޔައީ ފަސޭހަ ކަމާ އެކު 25-12 އިންނެވެ. ދެވަނަ ސެޓް 25-11 އިން ގެންދިޔައިރު ތިންވަނަ ސެޓް އެޓީމުން ގެންދިޔައީ 25-13 އިންނެވެ.
އެ މެޗުގެ މޮޅު ކުޅުންތެރިއަކީ ފްރެންޑްސް ކްލަބް ފުނާޑުގެ ޖާޒީ ނަންބަރު 11 އައިޝަތު ޝައްފައެވެ.
ދެވަނަ މެޗުގައި މިސްކިތްމަގު އެންމެންގެ ގުޅުން އަދި ފޭދޫ ޔޫތު ކޮމިއުނިޓީ ވާދަކުރިއިރު އެ މެޗު މިސްކިތްމަގު ޓީމުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ފުަރަތަމަ ސެޓް 25-15 އިން ގެންދިޔައިރު ދެވަނަ ސެޓް ކާމިޔާބުކުރީ ފަސޭހަ ކަމާއެކު 25-5 ނެވެ. ތިން ވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 25-16 އިންނެވެ.
އެ މެޗުގެ މޮޅު ކުޅުންތެރިއަކީ މިސްކިތްމަގު އެންމެންގެ ގުޅުން ޓިމުގެ ޖާޒީ ނަންބަރު 3 ފާތިމަތު މަޒިއްޔާއެވެ.