14 Jul 2017, 02:27
މާލޭ ލީގުގައި ބުރާސްފަތިދުވަހުގެ ރޭ ކުޅުނު މެޗުގައި ކްލަބު އީގަލްސް އާ ނިއުރޭޑިއަންޓް ބައްދަލުކުރި މެޗު 1-1 ލަނޑުން އެއްވަރުވެގެން ނިމިއްޖެއެވެ.
އެ ނަތީޖާއާއެކު އީގަލްސް އަށް ވަނީ ޕްރިމިއާލީގަށް ކޮލިފައިވުމަށް އިތުރަށް ފަހިވެފައެވެ. އެ ޓީމަށް މިއަދުގެ މެޗުން ލިބުނު 1 ޕޮއިންޓާއިއެކު ޖުމުލަ 22 ޕޮއިންޓް ހަމަވެފައިވާއިރު އެ ޓީމް އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. އެ ޓީމަށް ވުރެ 2 ޕޮއިންޓް އިތުރަށް ހޯދައިގެ ގްރީން ސްޓްރީޓް ތިންވަނައިގައި އޮތް އިރު ލީގުގެ ފަހު މެޗުގައި ބައްދަލުކުރާނީ އެ ދެޓީމެވެ.
އީގަލްސް އަދި ނިއުރޭޑިއަންޓު ކުޅުނު މެޗުން ޕޮއިންޓު ތާވަލައަށް އައި ބަދަލާ ގުޅިގެން ޓީސީ ސްޕޯޓްސް ކްލަބަށްވެސް ގަދަ ހަތަރަކަށް އެރުމުގެ ފުރުބަތު އެބައޮތެވެ. އަދި ތާވަލްގެ ފަސްވަނައިގައި އޮތް ވިކްޓަަރީއަށްވެސް އެ ފުރުޞަތު އެބައޮތެވެ.
މިރޭގެ މެޗުގައި އީގަލްސް އިން ކާމިޔާބުކުރި ހަމަ އެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 66 ވަނަ މިނިޓްގައި ޒުވާން ކުޅުންތެރިއާ މުހައްމަދު ނާއިމެވެ.
އަނިޔާގެ ސަބަބުން ކެޕްޓަން އިމްރާން މުހައްމަދު އަދި ސަސްޕެންޝަންގެ ސަބަބުން މުހިއްމު ޑިފެންޑަރު އަހްމަދު އަބްދުﷲ (ލިލީ) ނުހިމަނައި ކުޅުނު ނިއުރޭޑިއަންޓަށް ނަތީޖާ ހަަމަހަމަކޮށްދިނީ މެޗުގެ 88 ވަނަ މިނިޓްގައި ގަލާޑޯއެވެ. އޭނާ އެލަނޑު ކާމިޔަބުކުރީ ޕެނަލްޓީއަކުންނެވެ.
މި ނަތީޖާއާއެކު ނިއުރޭޑިއަންޓަށް ވަނީ ލީގު ހޯދުމަށް އިތުރު ހަރުފަތެއް ގިރާކުރަން ޖެހިފައެވެ. އެގޮތުން ލީގުގެ ފަހު މެޗުގައި މާޒިޔާ އަތުން މޮޅުވެގެން ނޫނީ ނިއުއަށް މާލޭ ލީގު ކާމިޔާބެއް ނުކުރެވޭނެއެވެ. ނަމަވެސް އެ މެޗު އެެއްވަރުކޮށްލައިގެން ވެސް ލަނޑުގެން ތަފާތުން މާޒިޔާއަށް މުބާރަތް ކާމިޔާބު ކުރުމުގެ ފުރުޞަތު އެބައޮތެވެ.