14 Jul 2017, 10:11
މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި ގަދަ 10ގައި ހިމެނުނު ދަރިވަރުންގެ އަދަދު އިތުރުވެ، އާ ރެކޯޑެއް އަނެއްކާ ވެސް ގާއިމުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މީގެކުރިން އެންމެ ގިނަ ދަރިވަރުން އޯލެވެލްގެ ގަދަ 10 ގައި ހިމެނިފައިވަނީ 2015 ވަނަ އަހަރުއެވެ. އެ އަހަރު ގަދަ10 ގައި 502 ދަރިވަރުން ހިމެނިފައިވެއެވެ.
ނަމަވެސް މިދިޔަ އަހަރު އެ އަދަދު ވަނީ 589 އަށް މައްޗަށް ޖެހިފައެވެ.
އެ ދަރިވަރުންގެ ތެރެއިން އަށް މާއްދާއިން އޭ ފާސް ހޯދައިގެން އޯލެވެލް އިމްތިހާނުން ރާއްޖޭގެ އެއްވަނަ 126 ދަރިވަރުން ހޯދިއިރު، 2015 ވަނަ އެ އަދަދަކީ 76 އެކެވެ. އަދި މިދިޔަ އަހަރު ދުނިޔޭގެ އެއްވަނާގައި ދިވެހި 48 ދަރިވަރުން ހިމެނުނުއިރު، މިދިޔަ އަހަރު ދުނިޔޭގެ އެއްވަނާގައި 40 ދަރިވަރުން ހިމެނުނެވެ.

އޯ ލެވެލް ޓޮޕް އެޗީވާސް އެވޯޑު ރަސްމިއްޔާތުގައި އެވޯޑް ލިބުނު ދަރިވަރަކަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އެވޯޑް ހަވާލު ކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މިދިޔަ ފަސް އަހަރުގެ ތެރޭގައި އޯލެވެލްގެ ގަދަ 10ގެ ނަތީޖާ އަށް ބަލާއިރު 2012 ވަނަ އަހަރު ގަދަ 10 ގައި 426 ކުދިން ހިމެނުނު އިރު 2013 ވަނަ އަހަރު އެ އަދަދު އުޅެނީ 478 ގަ އެވެ. އަދި 2014 ވަނަ އަހަރު ވަނީ އެ އަދަދު 475 އަށް ދަށަށް ދިޔަ ނަމަވެސް، 2015 ވަނަ އަހަރު 504 ދަރިވަރުން ގަދަ 10 ހިމެނިފައިވެއެވެ.
އޭގެ އިތުރުން 2015 އަހަރާ ބަލާއިރު މިދިޔަ އަހަރު ވަނީ އޯ ލެވެލް އިމްތިހާނުގައި ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ. އެގޮތުން އޭ ޕްލަސް އިން ފެށިގެން ސީ ގްރޭޑް ހޯދި ދަރިވަރުންގެ އަދަދު އިތުރުވެފައިވާއިރު ޔޫ ގްރޭޑް ނުވަތަ އެއްވެސް މާއްދާ އަކުން ފާސްނުވާ ދަރިވަރުންގެ އަދަދު ވަނީ ދަށްވެފަ އެވެ.
އޯ ލެވެލް ޓޮޕް އެޗީވާސް އެވޯޑު ރަސްމިއްޔާތުގައި އެވޯޑް ލިބުނު ދަރިވަރަކަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް އެވޯޑް ހަވާލު ކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އޯލެވެލްގެ މާއްދާތަކުން ހޯދި ގްރޭޑްތައް
17 ޕަސެންޓް ދަރިވަރުން ވަނީ އޭ ގްރޭޑުން މަތި ހޯދާފައި
- 22 ޕަސެންޓް ދަރިވަރުން ބީ ގްރޭޑް ހޯދި. މިއީ ދެ ޕަސެންޓްގެ ކުރިއެރުމެއް
- "ޑީ" އަދި "އީ" ގްރޭޑް ވަނީ އެވްރެޖްކޮށް އެއް ޕަސެންޓް ދަށްކުރެވިފަ
- "ޔޫ" ގްރޭޑް ލިބުނު ޕަސެންޓް 4.6 އަށް ދަށްވި. 2015 ގައި ހުރީ 11 ޕަސެންޓްގައި
ތަފާސް ހިސާބުތަކަށް ބަލާއިރު، އޯ ލެވެލްގައި ތިން މާއްދާ އިން ފާސްވި ދަރިވަރުންގެ އަދަދު ވެސް މިދިޔަ އަހަރު މައްޗެވެ. އެގޮތުން 2015 ގައި އެ އަދަދު 63.7 ޕަސެންޓް ދަރިވަރުން ތިން މާއްދާއިން ފާސްވި އިރު، މިދިޔަ އަހަރު އެ ނިސްބަތް 79 ޕަސެންޓަށް ވަނީ މައްޗަށް ގޮސްފައެވެ.
އޯލެވެލް އިމްތިހާނުގައި މިދިޔަ އަހަރު 5410 ދަރިވަރުން ބައިވެރިވި އިރު 2015 ގައި އެ އިމްތިހާން ހެދީ 5272 ދަރިވަރުންނެވެ.
އޯ ލެވެލް ޓޮޕް އެޗީވާސް އެވޯޑު ރަސްމިއްޔާތުގައި އެވޯޑް ލިބުނު ދަރިވަރަކަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވޯޑް ހަވާލު ކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް