ކްލަބު އެމްޓީސީސީއާއި އެމްޓީސީސީ ވިލިމާލެ ޔުނިޓާ ގުޅިގެން ބާއްވާ ސުޒުކީ ވިލި މުއައްސަސާ ކަޕްގެ ފުރަތަމަ މެޗުގައި ވިލިމާލޭ ޕޮލިސް ބަލިކޮށް، ޓީމް އެމްޓީސީސީން ފެށުން ރަނގަޅުކޮށްފިއެވެ.

ވިލިމާލޭ ފުޓްސަލް ދަނޑުގައި މިރޭ ފެށި އެ މުބާރާތުގެ ފުރަތަމަ މެޗުގައި ފުލުހުންގެ މައްޗަށް އެމްޓީސީސީން ކުރި ހޯދީ 7-2 ލަނޑުގެ ނަތީޖާއަކުންނެވެ.

'ގްރޫޕް އޭ'ގައި ކުޅުނު އެ މެޗުގައި އެމްޓީސީސީން ކާމިޔާބުކުރި ހަތް ލަނޑުގެ ތެރެއިން ތިން ލަނޑު އަހްމަދު ރިޒްނީ ކާމިޔާބުކޮށްދިންއިރު، އަހްމަދު އައިހަމް ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އަދި އިބްރާހިމް ނަސީހާއި ޝުޖާއު ހުސައިން، އެއިން ކޮންމެ ކުޅުންތެރިޔަކު އެމްޓީސީސީއަށް ލަނޑެއް ކާމިޔާބުކޮށްދީފައިވެއެވެ.

މިރޭ ކުޅުނު އެ މެޗުގައި ފުލުހުންގެ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އަހްމަދު ޖުނާދާއި އަހްމަދު އިބްރާހީމެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެމްޓީސީސީއަށް ދެ ލަނޑު ކާމިޔާބުކޮށްދިން އައިހަމްއެވެ.

އެ މުބާރާތުގައި މިހާރު ކުރިއަށްދާ 'ގްރޫޕް އޭ'ގެ މެޗުގައި ބައްދަލުކުރަމުންދަނީ ޔޫތު މިނިސްޓްރީގެ ޓީމާއި ސިފައިންނެވެ.

ސުޒުކީ ވިލި މުއައްސަސާ ކަޕް ފެށުމުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު ޝިފާއު އަލީ ކުޅުންތެރިންނާ ސަލާމްކުރަނީ: އެ މުބާރާތުގެ ފުރަތަމަ މެޗުގައި ފުލުހުންގެ މައްޗަށް އެމްޓީސީސީ ކުރި ހޯދީ 7-2 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އެންޓޮމް

އެ މުބާރާތުގައި ޖުމްލަ ނުވަ ޓީމެއް ވާދަކުރާއިރު، އެ ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފައެވެ. 'ގްރޫޕް އޭ'ގައި ހިމެނެނީ ޓީމް އެމްޓީސީސީއާއި، ޔޫތު މިނިސްޓްރީއާއި، ސިފައިންނާއި، ފުލުހުން އަދި ދިރާގެވެ. 'ގްރޫޕް ބީ'ގައި ހިމެނެނީ ސްޓެލްކޯއާއި، ޓީމް ހައުސިންއާއި، މޯލްޑިވް ގޭސް އަދި މުހިއްދީން ސްކޫލެވެ.

އެ މުބާރާތުގެ ވަނަވަނަތަކަށް ހޮވޭ ޓީމުތަކަށް ފައިސާގެ އިނާމެއް ކަނޑައަޅާފައިވެއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ.

އެ މުބާރާތުގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީއެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ. މިއީ މިފަދަ މުބާރާތެއް ވިލިމާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

ވިލި މުއައްސަސާ ކަޕްގެ މެއިން ސްޕޮންސަރަކީ ސުޒުކީއެވެ. އިވެންޓް ޕާޓްނަރުންނަކީ އޮފިޝަލް އިވެންޓްސްއެވެ. މުބާރާތުގެ ބެވަރޭޖް ޕާޓްނަރުންނަކީ ވިޓާއެވެ. އަދި މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރުންނަކީ ކްލަބު ގްރީން ސްޓްރީޓްސްގެ ވެސް ރަސްމީ ފޮޓޯގްރަފީ ޕާޓްނަރުން ކަމަށްވާ އެންޓޮމްއެވެ.