ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނަސް އަލުން އަނބުރާ ޕީޕީއެމަށް ނުދާނެ ކަމަށް އެ ޕާޓީން ވަކިވުމަށް ސިޓީ ލައްވާފައިވާ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބަދުﷲ ސިނާން އާއި ދަނގެތީ ދާއިރަގެ މެމްބަރު އިލްހާމް އަހުމަދު ވިދިޅުވެއްޖެ އެވެ.

އެ ދެ މެމްބަރުން އެހެން ވިދާޅުވީ އިންތިޚާބުކުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެންނެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ޕީޕީއެމުން 10 މެމްބަރުން ސޮއި ކޮށް އެ ޕާޓީން ވަކިވާން މީގެ ކުރިން ވަނީ ސިޓީލާފައެވެ. އޭގެ ތެރޭގައި އިލްހާމާއި ޝިނާން ވެސް ހިމެނިވަޑައިގަންނަވެއެވެ.

ޓީވީ ސްޓޭޝަނަކަށް ދެއްވި އިންޓަވިއުއެއްގައި ޝިނާން މިރޭ ވިދާޅުވީ ޕީޕީއެމްއާ ވެކިވެ އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަން އޭނާ ފެށީ ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް މަންފާހުރި ގޮތަކީއެއީ ކަމަށްވާތީ ކަމަށެވެ.

"އަޅުގަނޑުގެ ގޮނޑިގެއްލުނު ކަމުގައިވީ ނަމަވެސް ވަރަށް ސާފުކޮށް މި ދަންނަވަނީ ޕީޕީއަމަކަށް ގޮސް އެ މަސަތްކަތެއް ކުރާކަށް ނެތިން. އަޅުގަނޑުގެ ވޯޓު ދާނީ ސީދާ މަސީހާ ދެކޮޅަށް. އަޅުގަނޑު ވޯޓުލާނީ ސީދާ މަސީހާ ދެކޮޅަށް،" ޝިނާން ވިދާޅުވިއެވެ.

ޕީޕީއެމުމް ވަކިވާން އެދިފައިވާ މަޖިލީހުގެ މެމްބަރުންނަށް އަދިވެސް އެޕާޓީގައި މަސައްކަތްކުރުމުގެ ފުރުސަތު އޮތްކަން ހާމަކޮށް އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކް ވަނީ އަލުން މެމްބަރުންގެ ނިންމުން ބަދަލުކޮށް ގޮނޑި ބޭނުންފުޅުވާނަމަ ޕީޕީއެމާ ގުޅުމަށް ދައުވަތު އަރުވާފައެވެ.

ނަމަވެސް ނިހާނުގެ ދައުވަތަށް ފުރަގަސްދެއްވައި އިލްހާމް ވިދާޅުވީ އޭނާ ޕީޕީއެމަށް ދެން ނުދާނެ ކަމަށާއި އެއީ ރައްޔިތުންގެ ހައްގުގައި ނިންމި ނިންމުމެއް ކަމަށެވެ.

"ޕީޕީއެމަށް ގޮސްގެން އަޅުގަނޑު ހިމާޔަތްކުރަންޖެހޭ ގޮނޑިއެއް ނޯންނާނެ،" އިލްހާމު ވިދާޅުވިއެވެ.

އެޓާނީ ޖެނަރަލް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި މިއަދު އިއްވި ހުކުމުގައިވާގޮތުން މިއަދުން ފެށިގެން، ޕާޓީން ވަކިވާ، ނުވަތަ ވަކިކުރާ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވާ މެމްބަރުންގެ ގޮނޑި ގެއްލޭނެ އެވެ. އަދި ޕާޓީން ވަކިވި ކަމަށް ބަލާނީ އިލެކްޝަން ކޮމިޝަނުން އެ މެމްބަރަކު ޕާޓީން ވަކިވިކަން އަންގާ ދުވަހުން ފެށިގެން ކަމަށް ވެސް އެ ހުކުމުގައިވެއެވެ.