ކްލަބު އެމްޓީސީސީއާއި އެމްޓީސީސީ ވިލިމާލެ ޔުނިޓާ ގުޅިގެން ބާއްވާ ސުޒުކީ ވިލި މުއައްސަސާ ކަޕް ނުވަ ޓީމާއެކު ފަށައިފިއެވެ.

ވިލިމާލޭ ފުޓްސަލް ދަނޑުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މުއައްސަސާތަކަށް އަމާޒުކޮށްގެން ބާއްވާ ވިލި މުއައްސަސާ ކަޕް ފަށްޓަވައިދެއްވީ ޝަރަފްވެރި މެހެމާން އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު ޝިފާއު އަލީއެވެ.

އެ މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކްލަބު އެމްޓީސީސީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ލުއައްޔު ވިދާޅުވީ، މުބާރާތުގެ މަގްސަދު ހާސިލްވާނެ ކަމަށް އުންމީދުކުރާ ކަމަށާއި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު އެދިލައްވަނީ ކުޅިވަރުގެ ރޫހާ އެއްގޮތަށް މުބާރާތް ކުރިއަށްގެންގޮސް ނިންމާލުމަށް ކަމަށެވެ.

"މިއީ މުބާރާތް ބާއްވާ ފުރަތަމަ އަހަރު ކަމަށްވާއިރު، މުބާރާތަށް ބޮޑު ތަރުހީބެއް މިވަނީ ލިބިގެންގޮސްފައި. މި މުބާރާތް ކުރިއަށްއޮތްތާ ވެސް ބޭއްވޭނެ. އަދި މުއައްސަސާތަކުގެ އަންހެން ޓީމުތައް ބައިވެރިކޮށްގެން ކުރިއަށްއޮތްތާ މި މުބާރާތް ބޭއްވުމަކީ އެމްޓީސީސީން އުންމީދުކުރާ ކަމެއް،" އޭނާ ވިދާޅުވިއެވެ.

ލުއައްޔު ވަނީ މުބާރާތް ފުރިހަމައަށް ބޭއްވުމަށް ވިލިމާލޭ ޔުނިޓުން ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާކޮށް، އެމްޓީސީސީގެ ސީއީއޯ މުބާރާތް ބޭއްވުމަށް ދެއްވަމުންދާ އެއްބާރުލުމަށް ވެސް ޝުކުރު އަދާކޮށްފައެވެ.

ސުޒުކީ ވިލި މުއައްސަސާ ކަޕް ފެށުމުގެ ރަސްމިއްޔާތުގައި ކްލަބު އެމްޓީސީސީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ލުއައްޔު ވާހަކަދައްކަވަނީ: އެ މުބާރާތުގައި ޖުމްލަ ނުވަ ޓީމެއް ވާދަކުރޭ --- ފޮޓޯ/ އެންޓޮމް

ވިލި މުއައްސަސާ ކަޕްގައި މިރޭ ކުރިއަށްދަނީ 'ގްރޫޕް އޭ'ގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި ވިލިމާލެ ޕޮލިސް އަތުން ޓީމް އެމްޓީސީސީ ވަނީ 7-2 ލަނޑުގެ ނަތީޖާއަކުން މޮޅުވެފައެވެ. އެ މެޗަށްފަހު މިހާރު ކުރިއަށްދަނީ ޔޫތު މިނިސްޓްރީގެ ޓީމާއި ސިފައިން ބައްދަލުކުރާ މެޗެވެ.

އެ މުބާރާތުގައި ޖުމްލަ ނުވަ ޓީމެއް ވާދަކުރާއިރު، އެ ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފައެވެ. 'ގްރޫޕް އޭ'ގައި ހިމެނެނީ ޓީމް އެމްޓީސީސީއާއި، ޔޫތު މިނިސްޓްރީއާއި، ސިފައިންނާއި، ފުލުހުން އަދި ދިރާގެވެ. 'ގްރޫޕް ބީ'ގައި ހިމެނެނީ ސްޓެލްކޯއާއި، ޓީމް ހައުސިންއާއި، މޯލްޑިވް ގޭސް އަދި މުހިއްދީން ސްކޫލެވެ.

ވިލި މުއައްސަސާ ކަޕްގައި ވާދަކުރާ ޔޫތު މިނިސްޓްރީއާއި ހައުސިން މިނިސްޓްރީއަކީ ކްލަބު އެމްޓީސީސީގެ ހާއްސަ ދައުވަތަކަށް ބައިވެރިވި ދެ ޓީމެވެ.

އެ މުބާރާތުގެ ވަނަވަނަތަކަށް ހޮވޭ ޓީމުތަކަށް ފައިސާގެ އިނާމެއް ކަނޑައަޅާފައިވެއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ. ޗެމްޕިއަން އަދި ރަނަރަޕް ޓީމުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި، އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އާއި އެންމެ މޮޅު ކުޅުންތެރިޔާ އާއި، ފެއާޕްލޭ ޓީމު އަދި ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޮވުމަށް ހަމަޖެހިފައިވެއެވެ.

އެ މުބާރާތުގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީ އެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ. މިއީ މިފަދަ މުބާރާތެއް ވިލިމާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

ވިލި މުއައްސަސާ ކަޕްގެ މެއިން ސްޕޮންސަރަކީ ސުޒުކީއެވެ. އިވެންޓް ޕާޓްނަރުންނަކީ އޮފިޝަލް އިވެންޓްސް އެވެ. މުބާރާތުގެ ބެވަރޭޖް ޕާޓްނަރުންނަކީ ވިޓާއެވެ. އަދި މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރުންނަކީ ކްލަބު ގްރީން ސްޓްރީޓްސްގެ ވެސް ރަސްމީ ފޮޓޯގްރަފީ ޕާޓްނަރުން ކަމަށްވާ އެންޓޮމްއެވެ.