ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާ ރޭ ގެ 20:30 އަށް ތާވަލުކޮށްފި އެވެ.

ގާސިމްގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށުގެ ދައުވާ އާއި ވޯޓުދޭން ހުރި މީހަކަށް ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވަށް އުޅުމުގެ ކުށުގެ ދައުވާ އާއި ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުގެ ދައުވާ އެވެ.

އެ ދައުވާގެ އަޑުއެހުން މާދަމާ ރެއަށް ތާވަލުކޮށް ކޯޓަށް ހާޒިރުވުމަށް ގާސިމަށް މިއަދު ވަނީ ޗިޓު ފޮނުވާފަ އެވެ.

ބެލެވޭ ގޮތުގައި މާދަމާ ރޭ ބޭއްވުމަށް ތާވަލު ކުރި އަޑުއެހުމަކީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބޭއްވުމަށް ތާވަލު ކުރި އަޑުއެހުމެކެވެ.

ގާސިމްގެ މައްޗަށް އުފުލާފައިވާ އެ ދައުވާތަކަކީ މީގެ ކުރިންވެސް އުފުލި ދައުވާތަކެެކެވެ. އެ ދައުވާތަކާ ގުޅިގެން ކުރިމިނަލް ކޯޓުގައި ފަސް އަޑުއެހުމެއް ބާއްވާފައިވާއިރު، އެންމެ ފަހުން ބޭއްވި އަޑުއެހުމަށް ޕީޖީ އޮފީހުގެ ވަކީލުން ހާޒިރު ނުވުމުން އެ މައްސަލަވަނީ ކޯޓުން ބޭރުކޮށްލާފަ އެވެ.

ގާސިމްގެ މައްޗަށް އެ ދައުވާތައް އުފުލާފައިވަނީ، މިއަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު ނެގުމަށް ކުރިން ހަމަޖެހުނު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅުވައިގެން އޭގެ އެއްދުވަސް ކުރިން ޖުމްހުރީ ޕާޓީގެ އިދާރާ މާފަންނު ކުނޫޒުގައި ގާސިމް ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.

ގާސިމްގެ މައްސަލަ ކުރިން ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ކްރިިމިނަލް ކޯޓުގެ އިސް ގާޒީ ބާރީ ޔޫސުފް މިހާރު ވަނީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފަ އެވެ.