13 Jul 2017, 19:47
މާލޭ ލީގުގައި ގްރީން ސްޓްރީޓުން ގަދަ ހަތަރެއްގެ އުންމީދު ބޮޑުކުރިއިރު، ލީގު ހޯދުމަށް މަސައްކަތްކުރާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ލީގުގެ ދެވަނަ ބުރުގެ މެޗުގައި މާޒިޔާގެ މައްޗަށް ގްރީނުން ކުރި ހޯދާފައިވަނީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.
ލީގުގައި 26 ޕޮއިންޓާއެކު މިވަގުތު މާޒިޔާ އެއްވަނާގައި އޮތް ނަމަވެސް، މިރޭ ކްލަބު އީގަލްސް އަތުން ދެވަނާގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު މޮޅުވެއްޖެނަމަ އެޓީމަށް އެއްވަނަ ލިބޭނެއެވެ. ކުޅުނު 13 މެޗުން ލިބުނު 24 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައަށް ގްރީން ޖެހިލިއިރު، އީގަލްސް އޮތީ ކުޅުނު 12 މެޗުން ލިބުނު 21 ޕޮއިންޓާއެކު ހަތަރުވަނާގައެވެ. ގްރީން އަދި މާޒިޔާއަށް ލީގުގައި ބާކީ އޮތީ އެންމެ މެޗެކެވެ.
މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގައި ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) ދިން ބޯޅައަކުން މުހައްމަދު އުމައިރަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ގްރީންގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުމައިރަށް ލިބުނު އެ ބޯޅައިގެ ބޭނުން އެންމެ ރަނގަޅަށް ހިފިފައިނުވަނީ ގްރީންގެ މުހައްމަދު ސާއިފް ކައިރީގައި ވިއްދާފައި ހުރުމުންނެވެ.
ފުރަތަމަ ހާފުގެ ތެރޭގައި ގްރީނަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އިބްރާހިމް ރިޒުވާނަށް ލިބުނު ބޯޅަ ހިފައިގެން މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ކީޕަރު ޕަވެލް މަޓިއާޝްއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓިމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ފަސް މިނެޓް ފަހުން ގްރީނުން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ގްރީނަށް ލިބުނު ހިލޭ ޖެހުމަކުން އެ ޓީމަށް ލީޑު ހޯދައިދިނީ ސޮބޮލް އިލިއާއެވެ.
މެޗުގެ ދެވަނަ ހާފުގައި މާޒިޔާ އަދި ގްރީންގެ ކުޅުންތެރިޔަކަށް ރަތް ކާޑެއް ދައްކާފައިވެއެވެ. މެޗުގެ 66 ވަނަ މިނެޓުގައި މާޒިޔާގެ ބޮކުރީއަށް ރަތް ކާޑެއް ދެއްކިއިރު، ގްރީންގެ އިލިއާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާފައިވަނީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ.
ދެވަނަ ހާފުގައި މާޒިޔާއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ފުރުސަތުތަކެއް ލިބިގެންދިޔައިރު، ގްރީނަށް ލީޑު ފުޅާކޮށްލުމަށް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން މާޒިޔާގެ އުމައިރު އަދި އެލެކްސެންޑާ ރަކިޗަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ގްރީނަށް ލިބުނު ފުރުސަތުތަކުގެ ތެރޭގައި އަހްމަދު ނިޒާމް (ނިޒާމްބެ)އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ އީގަލްސްއާއި ނިއުއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 9:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.