13 Jul 2017, 18:11
ޖަޕާނުގެ ފުކޯކާގައި އޮންނަ އޭޝިއާ ޕެސިފިކް ޗިލްޑްރަންސް ކޮންވެންޝަން (އޭޕީސީސީ) ކަލްޗަރަލް އެކްސްޗޭންޖު ޕްރޮގްރާމްގައި ރާއްޖޭގެ ހަ ދަރިވަރަކު ބައިވެރިވާން މާދަމާ ފުރާނެ އެވެ.
އޭޕީސީސީ ޕްރޮގްރާމަކީ ޖަޕާނުގެ ތާރީހީ ރަށެއް ކަމަށްވާ ފުކުކާއަށް 100 އަހަރު ފުރުމާއި ގުޅިގެން އެ ސިޓީގެ ފަރާތުން 1989 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު ބާއްވާ ކޮންވެންޝަނެކެވެ.
މިއީ މިއަހަރަކީ އެ ޕްރޮގްރާމް ބާއްވާ 29 ވަނަ ފަހަރެވެ. މިއަހަރުގެ ޕްރޮގްރާމުގައި އޭޝިއަން-ޕެސިފިކް ސަރަހައްދުގެ 40 ގައުމަކުން ދަރިވަރުން ބައިވެރިވެއެވެ.
އެ ޕްރޮގްރާމްގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ހަ ދަރިވަރުން ހޮވާފައިވަނީ މާލޭގެ ސްކޫލްތަކުގެ ތެރެއިން ތިން ދަރިވަރަކާއި އަތޮޅުތެރޭގެ ސްކޫލްތަކުން ތިން ދަރިވަރެކެވެ. އަދި ދަރިވަރުންނާއެކު ދެ އޮފިޝަލަކު ދަތުރުގައި ބައިވެރިވާނެ އެވެ.
މިއަހަރު ބާއްވާ 29 ވަނަ އޭޕީސީސީ ޕްރޮގްރާމްގައި ރާއްޖެއިން ބައިވެރިވަނީ މާލޭ ސްކޫލްތަކުގެ ތެރެއިން މުހްޔިއްދީން ސްކޫލާއި ގާޒީ ސްކޫލް އަދި އިމާދުއްދީން ސްކޫލްގެ ދަރިވަރެކެވެ. އަތޮޅު ތެރެއިން މިއަހަރުގެ ޕްރޮގްރާމްގައި ބައިވެރިވާން ހަމަޖެހިފައިވަނީ ފ. ފީއަލި ސްކޫލްގެ ދަރިވަރަކާއި މ. މަޑުއްވަރީ ސްކޫލުގެ ދަރިވަރެއް އަދި ބ. ގޮއިދޫ ސްކޫލުގެ ދަރިވަރެކެވެ.
އެ ޕްރޮގްރާމަށް ފުރުމުގެ ކުރިން ދަރިވަރުންނަށް ވަނީ ޖަޕާން ބަސް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ހިންގާފައެވެ. އަދި ދަތުރުގައި ބައިވެރިވާ އޮފިޝަލުންނަށް ޖަޕާނުގެ ސަގާފަތާއި އާދަކާދައާ ގުޅުންހުރި މައުލޫމާތާއި ފަސްޓް އެއިޑް ފަދަ މައުލޫމާތު ދީފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ޖަޕާނަށް ދިއުމަށް ރާއްޖޭގެ ޓީމް ފުރާނީ މާދަމާ ކަމަށެވެ. އަދި ޖަޕާނުގެ ޕުކޯކާގައި ދެ ހަފްތާ ހޭދަކުރުމަށްފަހު ޓީމް އެނބުރި ރާއްޖެ އަންނާނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.
ދަތުރުގެ ފުރަތަމަ ހަފްތާގައި ދަރިވަރުންނާއި އޮފިޝަލުން ކޭމްޕް ސައިޓެއްގައި ހޭދަކުރާއިރު، ދެވަނަ ހަފްތާ ހޭދަކުރާނީ ޕުކޯކާގެ އާއިލާއެއްގެ ކައިރީގައެވެ.
އަދި ދަތުރުގައި ފުކޯކާގެ ތަފާތު ތަންތަން ބަލާލުމުގެ އިތުރުން ސްކޫލްތަކަށް ޒިޔާރަތް ކުރަން ވަނީ ހަމަޖެހިފާއިރު، ލީޑާޝިޕްގެ އެކިކަހަލަ ސިފަތައް ކުދިންނަށް ދަސްކޮށްދިނުމުގެ ވޯކްޝޮޕްތައް ބާއްވާ އެކި ގައުމުތަކުގެ ސަގާފަތާއި އާދަކާދަ ދައްކައިދިނުމުގެ އައިޓަމްތައް ހުށަހެޅުން އޮންނާނެ އެވެ.
އޭޕީސީސ ޕްރޮގްރާމްގެ މަގްސަދަކީ ދިރިއުޅުމުގެ ސަގާފަތާއި އާދަކާދަ ހިއްސާކުރުމަށް އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކުރުމާއި އަދި ސުލްހަމަސަލަސްކަން ގާއިމު ކުރުމުގެ ރޫހު ދަރިވަރުންގެ ކިބާގައި އުފެއްދުމެވެ.
ރާއްޖޭގެ ދަރިވަރަކަށް އެ ޕްރޮގްރާމްގައި އެންމެ ފުރަތަމަ ބައިވެރިވުމުގެ ފުރުސަތު ލިބުނީ 1990 ވަނަ އަހަރުއެވެ. އޭގެ ފަހުން މިހާތަނަށް ރާއްޖޭގެ އެކި ސްކޫލްތަކުން 200 އަށްވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.