13 Jul 2017, 16:58
ލ. ފޮނަދޫގެ މަގުތަކުގައި އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ތާޅު އެޅުމުގެ މަސައްކަތް ފަށާނެކަމަށް މޯލްޑިވްސް ރޯޑު ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނެފިއެވެ.
އެމްއާރުޑީސީން ބުނީ، ފޮނަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއުގެ ދަށުން، އެރަށުގެ އެތެރޭގެ ނުވަ މަގެއްގައި ތާރު އަޅާނެ ކަމަށެވެ. އެއީ ޖުމްލަ 4.7 ކިލޯމީޓަރުގެ މަގެވެ.
މި މަސައްކަތް ސެޕްޓެމްބަރު މަހު ފަށައި، ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށްވެސް އެމްއާރުޑީސީން ބުނެއެެވެ.
މި މަޝްރޫއުގެ އަގަކީ 47 މިލިޔަން ރުފިޔާއެވެ.
ފޮނަދޫގެ މަގު ހެދުމުގެ މަޝްރޫއު އެމްއާރުޑީސީއަށް ހަވާލުކުރީ 2014 ވަނަ އަހަރުއެވެ.