ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއާގައި ދެ ދުވަސް ތެރޭގައި ވިޔަފާރިތަކުގެ 3،000 ބައްދަލުވުން ބާއްވައި، ބިލިޔަނަކަށް ވުރެ ގިނަ ޑޮލަރުގެ ވިޔަފާރީގެ މަޝްވަރާތައް ކުރެވިފައިވާ ކަމަށް އެ ފެއާ އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ.

ޓްރެވަލް ޓްރޭޑް މޯލްޑިވްސްއަކީ ރާއްޖޭގެ ޕީއާރު ކުންފުނި، މޯލްޑިވްސް ގެޓްއަވޭޒްއިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ބައިނަލްއަގުވާމީ ޓްރޭޑް ފެއާއެކެވެ.

އިއްޔެ ފެށި މި ފެއާގައި، މީގެ ކުރިން ޝެޑިއުލް ކުރެވިގެން ބޭއްވި ވިޔަފާރީގެ 3،000 އަށް ވުރެ ގިނަ ބައްދަލުވުން ކުރިޔަށް ދިޔައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ މަތިފަޑީ ހިމެނޭ ކުންފުނިތަކުންވެސް މި ބައްދަލުވުންތަކުގައި ބައިވެރިވިއެވެ. ޓީޓީއެމްގެ ބިޒްނަސް މީޓީންގްތަކުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި ރާއްޖެއާ ރާއްޖެއިން ބޭރުގެ 100 އަށް ވުރެ ގިނަ ހޮޓެލިއަރުންނާއި، 150 އަށް ވުރެ ގިނަ ޓްރެވަލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން ހިމެނެއެވެ.

މޯލްޑިވްސް ގެޓްއަވޭޒްއިން މައުލޫމާތުދޭ ގޮތުގައި، ނޭޝަނަލް އާޓް ގެލެރީގައި މި ބައްދަލުވުންތައް އިއްޔެ ހެނދުނު 11:00 އިން ފެށިގެން ހަވީރު 6:00 އަށް، އަދި މިއަދު ހެނދުނު 9:00 އިން ހަވީރު 6:00 އާ ހަމައަށް ބައްދަލުވުންތައް ކުރިޔަށްދާނެއެވެ.

ޓީޓީއެމް ފެއާގެ މައި ކޮމްޕޯނެންޓަކީ މި ވިޔަފާރި ބައްދަލުވުންތަކެވެ. ޓީޓީއެމްގެ އިތުރު ކޮމްޕޯނެންޓެއް ކަމުގައިވާ، ބީއެމްއެލް ހޮޓެލިއާ ސަމިޓު އިއްޔެ ވަނީ ދަރުބާރުގޭގައި ބާއްވައި ނިންމާލައިފައެވެ.

ޓީޓީއެމްގެ އެންމެ ފަހު ކޮމްޕޯނެންޓް، ޓޫރިޒަމް ކެރިއަރ ފެއާ މިރޭ އޮންނަ އިރު، އެ ފެއާގެ ތެރެއިން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ 75 ރިސޯޓެއްގައި ހުރި ވަޒީފާގެ ފުރުސަތުތައް ބަލާލައި، ވަޒީފާއަށް އެޕްލައި ކުރެވޭނެއެވެ.