13 Jul 2017, 16:20
ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައިވާ މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެޓާނީ ޖެނެރަލް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ވަނުމަށް ޕްރިމިއާ ޗެމްބާސް އިން ވަނުމަށް ހުށަހަޅައިފި އެވެ.
ޕްރިމިއާ ޗެމްބާސް އަކީ ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ދެބެން ކަމަށްވާ މައުމޫން ހަމީދާއި ޝާހީން ހަމީދުގެ ލޯ ފާމެވެ.
ޕްރިމިއާ ޗެމްބާސް އިން ބުނީ، ސުޕްރީމް ކޯޓަށް އެޓާނީ ޖެނެރަލް ހުށަހެޅި މައްސަލައަށް ވަންނަން މިއަދު ހެނދުނުގެ ވަގުތެއްގައި އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ ލޯ ފާމުން ދުސްތޫރީ މައްސަލައިގެ ތެރެއަށް ވަނުމަށް ނިންމައި ހުށަހެޅިއިރު، މަކުނުދޫ ދާއިރާގެ މަޖިލިސް މެމްބަރު އަނާރާ ނައީމް އާއި ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ހުސައިން ވެސް ވަނީ އެ މައްސަލައިގެ ތެރެއަށް ވަނުމަށް ހުށަހަޅައިފައެވެ.
އެ މައްސަލައިގެ އަޑުއެހުމެއް މިދިޔަ ހޯމަ ދުވަހު ވަނީ ސުޕްރީމް ކޯޓުގައި ބާއްވައިފައެވެ. އެދުވަހު އެ މައްސަލަ ސުޕްރީމް ކޯޓުގައި ހުށަހަޅައިދެއްވީ އެޓާނީ ޖެނެރަލް އަހްމަދު އަނިލް އެވެ. އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ދުވަހެއް އެދުވަހު ފަނޑިޔާރު ވިދާޅުވެފައެއް ނުވެ އެވެ.